ހއ. ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ، ހާފްވޭ ހައުސްގެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ.

އެ މަޝްރޫއުގެ އަގަކީ 5.99 މިލިއަން ރުފިޔާއެވެ. ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަހުން ނިންމާ ގޮތަށެވެ.

ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.