ނަޒާހަތްތެރި ދައުލަތެއް އުފެއްދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ)ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އޭސީސީ ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ޝާމިލް ވިދާޅުވީ، ދައުލަތަކީ ނަޒާހަތްތެރި ދައުލަތަކަށް ހެދުމުގައި ކުންފުނިތަކުގެ ދައުރު ބޮޑުކަން އޭސީސީއަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުން ހާމަވާ ކަމަށެވެ.

އެގޮތުން ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ކުންފުނިތަކާ ގުޅޭ 1465 ޝަކުވާ އޭސީސީއަށް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ފަހު 234 ރެކޮމަންޑޭޝަން ކުންފުނިތަކަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އޭސީސީން ދޭ ރެކޮމަންޑޭޝަންތަކަށް އަމަލުކުރޭތޯ ބެލުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަން ބެލޭނެ ނިޒާމެއް އެކުލަވާލެވިފައި ނެތުން،" ޝާމިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭސީސީއަށް ލިބިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މުވައްޒަފުން ވައްދާ ގޮތުގެ މައްސަލައާއި ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކާއި ކުންފުނިތަކުގެ އިޖުތިމާއި ޒިންމާގެ މައްސަލަތައް ކަމަށެވެ. އަދި ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރިކަންކަން ހައްލު ކުރެވޭނީ އެ ކުންފުންޏެއްގެ ހިންގުން ހަރުދަނާ ކޮށްގެން ކަމަށް ވިދާޅުވިއެވެ.