ވޮލީ ބޯލް

ފުލިދޫ "ވާއު ކަޕް"ގެ ގުރު ނަގައިފި، ފެށުން އަންގާރަ ދުވަހު

ވ. ފުލިދޫގެ ވާއު ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ގުރުއަތު ނެގުން ހުކުރު ދުވަހުގެ ރޭ ބާއްވައިފިއެވެ.

ފުލިދޫ ކައުންސިލް އިދާރާގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި އިންތިޒާމުކުރާ ފަރާތްތަކުގެ އިތުރުން ޓީމުތަކުގެ މެނޭޖަރުންނާއި އޮފިޝަލުންނާއެކު ރަށުގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

ފުލިދޫ ވާއު ކަޕަކީ ރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކޮށް، ރަށުގައި އޮންނަ ވޮލީގެ ޝައުގުވެރިކަމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެރަށު ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ބާއްވާ ވޮލީބޯޅަ މުބާރާތެކެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ތިން ޓީމަކުން އަދި ފިރިހެން ޑިވިޝަންގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. ފުލިދޫން 63 ކުޅުންތެރިޔަކު ފެނިގެންދާ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގައިވެސް ފުރަތަމަ ކުޅޭނީ ލީގު ބުރުގެ މެޗުތަކެވެ.

ރޮބިން ރައުންޑް ބުރަކަށްފަހު ފައިނަލަށް ދާނީ ލީގު ބުރުގެ އެންމެ ކުރީގައި ނިންމާލާ ދެ ޓީމެވެ. މުބާރާތް ފަށާނީ އަންނަ މަހު އެއްވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތަކަށް ލީގު ބުރުގެ ކުޅުން ކުރިއަށްދާނެއެވެ. ފައިނަލް މެޗު އޮންނާނީ ނޮވެންބަރު ހަތަރުވަނަ ދުވަހުއެވެ.

ވ. އަތޮޅަކީ ރާއްޖޭގެ ވޮލީބޯޅައަށް ތަރިންތަކެއް ނެރެދީފައިވާ އަތޮޅެކެވެ. ވޮލީގެ ރޫހު ވ. އަތޮޅުން އަބަދުވެސް ފާހަގަވެގެންދާ އިރު، މުބާރާތްތަކުގެ ތެރެއިން ޒުވާން ކުޅުންތެރިން އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އިންތިޒާމް ކުރާ ފަރާތުން އިތުރަށް ބުނީ ވޮލީ މުބާރާތަށް ސްޕޮންސަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، މުބާރާތަށް ތައްޔާރުވުމަށް ޓީމުތަކުގެ ފަރާތުންނާއި ރަށުގެ އިސް ރައްވެހިންނާއި ކައުންސިލްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އޮތް ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ފައިސާގެ އިނާމުތައްވެސް އިއުލާން ކޮށްފައިވެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއެކު 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.

ފުލިދޫ ވާއު ކަޕްގެ އެންމެފަހުގެ އަދާހަމަތައް އެ މުބާރާތަށް ހާއްސަ ފޭސްބުކް ޕޭޖުން ލިބެމުންދާނެއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.