މާލޭ ސިޓީ ކައުންސިލަށް ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު ދޭންޖެހޭ ބަޖެޓު ނުދޭތާ ތިން މަސްވެފައިވާ ކަމަށް އެކައުންސިލުން ބުނި ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ގަތް ގަސްތަކެއްގެ ފައިސާ ނުލިބޭތީ ޒުވާން ދަނޑުވެރިޔާ ވަނީ ޓުވިޓާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ އެ ކައުންސިލުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވަނީ ފިނޭންސް މިނިސްޓްރީން އެ ކައުންސިލަށް ދޭންޖެހޭ ބަޖެޓު ނުދޭތީ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ބަޖެޓު ނުދީ ހިފަހައްޓަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އަދި ބަޖެޓު ނުދޭތާ ތިން މަސްވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސިޓީ ކައުންސިލަށް މަހުން މަހަށް ދޭންޖެހޭ ބަޖެޓު ނުދީ ހިފަހައްޓާފައި ނުވާނެ ކަމަށާއި އެ ކައުންސިލުން ހަދަނީ ދޮގު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކޮންމެ މަހަކުވެސް ސިޓީ ކައުންސިލަށް ދޭންޖެހޭ ބަޖެޓު އެ ކައުންސިލަށް ގަވާއިދުން ދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ނުދީގެން ކަމަށް ބުނެ އެ ކައުންސިލުން އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީ ހުރެގެން ނުވާނެ. އެއީ ކޮންމެ މަހަކު ގްރާންޓުގެ ފައިސާ ދެމުން މިދަނީ. ފައިސާނުދީ ހިފަހައްޓާފައެއް ނޯންނާނެ. ބަޖެޓުގެ ޕޭމެންޓެއް ނޯންނާނެ ސިޓީ ކައުންސިލަށް ނުދީއެއް. ކައުންސިލުން އެ ހަދަނީ ދޮގު،" އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ޝިއުނާ ވިދާޅުވީ ފިނޭންސް އިން ބަޖެޓު ދިންހާ އަވަހަކަށް އެ ކައުންސިލުން އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޒުވާން ދަނޑުވެރިޔާ އަތުން ސިޓި ކައުންސިލުން ގަތީ 80 ފޭރުގަހެވެ. އެއީ 200 ރުފިޔާއަށް ގަހެއްގެ ރޭޓުންނެވެ. އެހެން ކަމުން ޖުމްލަ 16،000 ރުފިޔާ ސިޓީ ކައުންސިލުން ޒުވާން ދަނޑުވެރިޔާ އަށް ދޭންޖެހެއެވެ.