އެޕަލްގެ ކުންފުނީގެ އެންމެ ފައިދާ ބޮޑު ވިޔަފާރިއަކީ އައިފޯނުގެ ވިޔަފާރިއެވެ. އެހެން ނަމަވެސް އައިފޯން 14 ޕްލަސް ނެރުނުތާ އެންމެ ދެ ހަފުތާ ފަހުން އެޕަލް އިން އުންމީދުކުރި ގޮތަށް ޑިމާންޑް ނެތުމުން ފޯނު އުފައްދާ ވަރު މަދު ކުރުމަށް ވަނީ އަންގާފައެވެ.

މި ހަބަރާއި އެކު އެޕަލް ކުންފުނީގެ ވިޔަފާރި ދަށަށް ދާނެ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި އައިފޯން 14 ޕުރޯ އާއި ޕުރޯ މެކްސްގެ ވިޔަފާރި ހުރީ ވަރަށް މަތީގައެވެ. އެޕަލްގެ ސީއީއޯ ޓިމްކުކް ގަބޫލު ކުރާ ގޮތުގައި މިއަހަރުގެ ބާކީ މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް އިތުރު 10 މިލިއަން ފޯނު ވިއްކޭނެއެވެ. އެޕަލްގެ މިއަހަރުގެ އަމާޒަކީ ޖުމުލަ 90 މިލިއަން އައިފޯނު ވިއްކުމެވެ.

އައިފޯން 14 ޕުލަސްގެ އުފެއްދުން މަދު ކުރިކަމަށް މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއަހަރު އެޕަލްގެ އަމާޒަކީ 14 ޕްރޯ ފިޔަވައި އެހެން ފޯނުތަކުގެ 10 މިލިއަން ޔުނިޓް ވިއްކުން ނަމަވެސް އެއަދަދަށް ވިއްކުމަކީ މިހާރުގެ ޓްރެންޑް ހުރި ގޮތުން ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ.

ނަމަވެސް އެޕަލް އިން އަދިވެސް އުއްމީދުކުރަނީ އަހަރު ނިމުމުގެ ކުރިން އާ މޮޑެލްތަކުގެ 10 މިލިއަން ފޯނު ވިއްކައިގެން މިއަހަރުގެެ އަސްލު އަމާޒުގައި ހިފަހައްޓާށެވެ. އެއީ ޖުމުލަ 90 މިލިއަން ފޯނެވެ. މިވަގުތަށް އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް އިން މި އަމާޒަށް ވާސިލުވުމަށް އެހީތެރިވަމުން އަންނައިރު، އެ ކުންފުނިން 90 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ.