ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން މަސްވެރިކަންކޮށް އުޅުނީ ދިވެހިން ކަމަށާއި އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު އެންމެ ހައްގީ ރާއްޖެއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" މި ނަމުގައި ރައީސް ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، 1793 ވަނަ އަހަރުން ފެށިގެން ފޯޅަވައްސާއި ރާއްޖެއަށްވެސް ގިނަ އަދަދަކަށް އަޅުން ގެނެސް އުޅުން ކަމަށާއި އެހެންކަމުން 1700-1850 އާ ދެމެދުގައި ރާއްޖޭގެ ވެރިރަށް، މާލޭގެ އާބާދީގެ ގިނަ ބަޔަކީ ބަބުރުން ކަމަށެވެ. ފޯޅަވައްސާއި މާލެއަށްވެސް އަޅުން ގެންނަނީ އެއްތަނަކުން ކަމަށާއި އެހެންކަމުން އެއް އާއިލާއަކުން ގެނެސްފައި ހުރުމަކީވެސް ގާތް ކަމެއް ކަމަށް ވިދާޅުވިއެވެ.

ފަރަންސޭސި ވިލާތާއި (ފްރާންސް) އާއި އިނގިރޭސިވިލާތާ ދެމެދު ކުރަމުންދިޔަ ހަނގުރާމަތަކުގެ ކުރި ލިބޭ ގައުމަކަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ފުރޮޅެމުންގޮސްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، 1956 ވަނަ އަހަރަށް ވީއިރު ފޯޅަވަހި (ޕެރޮސް ބަނޮސް އަތޮޅު) ބަލަހައްޓަނީ އިނގިރޭސި ދައުލަތުން ކަމަށެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލާއިރެއްގައި އެރަށުގެ ސިޔާދަތީ ބާރު އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށް ކަމަށް ނަޝީދުގެ ލިޔުމުގައިވެއެވެ. ނަމަވެސް ފޯޅަވައްސަކު ބަޔަކު ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޅުގައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއްބައި މީހުން ތިބީ މޮރިޝަސްގައި ކަމަށާއި އަނެއްބަޔަކު ތިބީ އިނގިރޭސިވިލާތުގައި ކަމަށްވެސް ނަޝީދުގެ ލިޔުމުގައިވެއެވެ.

"މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުންނެއް ނޫނެވެ. ފޯޅާވަހީގައި ބަނޑަހަޖަހައިގެން މަސްވެރިކަން ކުރަމުން އައީ ދިވެހިންނެވެ. ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުންނެވެ." ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ފޯޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނުނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްގީ ދިވެހިންނަށް ކަމަށާއި މޮރިޝަސްއާ އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޖްގެ ރަށްތައް ބަހާ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފޯޅަވަހި މައްސަލައިގައި މި އަހަރު އދ. ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާ ކަމަށެވެ. އެ ވޯޓަކީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ.

އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އަސަރު ނުކުރާނެ ކަމަށް އޭޖީން ބުނެފައިވެއެވެ.