ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގުކޮށް ނިމުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަސް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުން ކުރެވެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސާވޭ ކުރަން ފަށައިފައެވެ.

އީޕީއޭގެ ސާވޭ ގަބޫލު ނުކުރާނެ ކަމަށްބުނެ އެފްކޮންސް އިން ވަނީ އަމިއްލައަށް ސާވޭ ކޮށްފައެވެ. އެކަމަކު އީޕީއޭއިން ބުނީ އެފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުން ހަދާ ސާވޭތައް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގަބޫލު ކުރާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހަދާ ސާވޭގެ ރިޕޯޓު އެކަނި ކަމަށް މީގެ ކުރިން އީޕީއޭއިން ވަނީ ބުނެފައެވެ.

އެފްކޮންސް އަށް ފިޔަވަޅު އެޅުން ލަސްވެ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ގާނޫނީ ގޮތުން އެފްކޮންސްއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާނީ ކޮން ދުވަހަކު ކަމެއް ބުނަން ދަތި ކަމަށް ވިދާޅުވިއެވެ.

"އަދިވެސް އެކަމުގެ ތަހުގީގުކުތައް ކުރަމުންދަނީ. ތަހުގީގު ދެމިގެންދާނީ ކިހާ ދުވަހަކު ކަމެއް ބުނަން ނޭނގެ. އެހެންވީމަ ފިޔަވަޅު އަޅާނީ މިވެނި ދުވަހެއްގައޭ ބުނަން މިވަގުތު ދަތި،" އޭނާ ވިދާޅުވިއެވެ.

އެފްކޮންސްގެ ސާވޭ ރިޕޯޓު ސަރުކާރުން ބަލައިނުގަންނާނެ ކަމަށް މިއަދުވެސް ތަކުރާރުކޮށް ނައީމް ވަނީ ވިދާޅުވެފައެވެ. އަދި ފިޔަވަޅު އަޅާނީވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ހަދާފައިވާ ސާވޭ ރިޕޯޓަށް ބެލުމަށްފަހު ކަމުގައިވެސް ވިދާޅުވިއެވެ.

އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީޕީއޭއިިން ވިލިމާލޭ ފަރު ސާވޭ ކުރުމަށްފަހު ވަނީ ފަރުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.

ދެން އާންމުކުރި ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ. އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.