ގދ. ކާށިހުޅުދޫގައި ޕޯލްޓްރީ މަސައްކަތާއި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތާއި އެގްރިކަލްޗަރާއި އަދި ފިޝަރީޒްއާގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަނީ ފާމް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީލަޗާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރި މައްސަލައާ ގުޅިގެން ސަނީ ފާމްއަށް 4.8 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ޕްރޮޖެކްޓްތައް ހިންގުމަށް ސަނީފާމްއާ އެކު 28 އޮކްޓުބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ކާށިހުޅުދޫ ކުއްޔަށްދިނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް 23 އޯގަސްޓް 2020 ގައި އެއްބަސްވުން ބާތިލުކޮށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެރަށް އެ ކުންފުނީގެ ދަށުން ވަކި ކޮށްފައެވެ.
އެ މިނިސްޓްރީން އެއްބަސްވުން ބާތިލުކުރީ، ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ގާނޫނާއި ދިވެހި ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް 321،009 ޑޮލަރާއި އެ ކުންފުންނަށް ގެއްލިފައިވާ އޮޕޮޗިއުނިޓީ ކޮސްޓަށްޖެހޭ 4.5 މިލިޔަން ޑޮލަރާއެކު ޖުމްލަ 4.8 މިލިޔަން ޑޮލަރު އެކީ އެއްފަހަރާ އެ ކުންފުންނަށް ދެއްކުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އަށް އަމުރުކޮށްދިނުމަށް އެދި ސަނީ ފާމްގެ ފަރާތުން ވަނީ ދައުވާ ކޮށްފައެވެ.
މި ދައުވާއަށް އިންކާރުކޮށް މިނިސްޓްރީން ބުނެފައި ވަނީ، އެއްބަސްވުން ވާތިލުކޮށް އެރަށް ވަކި ކުރީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވޯކްޕްލޭނާ އެއްގޮތަށް ސަނީ ފާމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.
އަދި އެއް ބަސްވުމުގައިވާގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދިން މުއްދަތުގައިވެސް އެކަންކަން ރަނގަޅު ކޮށްފައި ނުވާތީ، އެއްބަސްވުން ބާތިލުކުރީ އެ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން އެއްބަސްވުމުގައިވާ އިޖުރާއަތާއި ކަމާބެހޭ ގާނޫނާއި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލަށް ޒިންމާވާން ނުޖެހޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު، މިދިޔަ ބުދަ ދުވަހު ސިވިލްކޯޓުން ކުރި ހުމުގައި ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ސަނީފާމަށް ދިން ރަށް ވަކިކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމަށެވެ. އަދި މި ދައުވާގައި އެ ކުންފުނިން، ކޮށްފައިވާ ކަމަށް ބުނާ ހަރަދުތަކަކީ ހިނގާފައިވާކަން ޔަގީންކޮށް ނުވަތަ ހަރަދު ކުރިކަން އެނގޭ ހެކިތަކެއްގެ މައްޗަށްކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެކުންފުންޏަށް ލިބޭނެ ކަމަށް ދައުވާގައި އަންދާޒާކޮށްފައިވާ މަންފާ، ހިސާބު ކުރުމަށް މުދަލުގެ އަގު ހިސާބު ކޮށްފައި ވަނީ ކޮން ގޮތަކުންކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ. ގެއްލުމުގެ ބަދަލު ނަގައި ދެވޭނީ އެ އަދަދުތަކަށް ވާސިލްވި އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ދައުވާއިން ފާހަގަވާ ނުކުތާތަކަށް ރިއާޔަތްކުރާއިރު، އެރަށް ސަނީފާމްއަށް ކުއްޔަށް ދިނުމުގެ ގޮތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށްވާތީ އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު