ސިނަމާލެ ބުރިޖު ހެދިއިރު ކަނޑަށް ވެއްޓުނު ދަގަނޑު ހޮޅިއަކުން އަދިވެސް ފަރަށް ގެއްލުންވަމުންދާ ކަމަށްބުނެ އާންމު ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާއެކު އެ ދަގަނޑު ހޮޅި ނަގައިފިއެވެ.

އެތަނުގެ ވީޑިއޯއަކާ އެކު ކަންބޮޑުވުން ފާޅުކޮށް ޓުވިޓާގައި މީހަކު ބުނެފައިވަނީ އެ ހޮޅިއަކީ ސިނަމާލެ ބްރިޖް ހެދިއިރު ކަނޑަށް ވައްޓާލި ދަގަނޑު ހޮޅިއެއް ކަމަށެވެ. އަދި ދިޔަވަރު ބޮޑުވެ ރާޅު ޖަހާ ކޮންމެ ފަހަރަކު އެ ދަގަނޑު ފަރުގައި ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ދަގަނޑުގެ ސަބަބުން ރާޅާ އެޅުންތެރިންނަށް އަނިޔާއެއް ވެދާނެތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން އެންވައިރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ އެ ދަގަނޑު ހޮޅި މިހާރު އެ ސަރަހައްދުން ނަގާފައިވާ ކަމަށެވެ. އަދި އެކަމަކީ މީގެ ކުރިން ފިޔަވަޅު އަޅާފައި އޮތް ކަމެއް ކަމަށާއި އެހެންވެ އިތުރު ފިޔަވަޅެއް އެކަމުގައި ނާޅާނެ ކަމަށެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް 2016 ވަނަ އަހަރު ފަށައިގެން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަަމައަށްކުރިއިރު އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކާއި ކުނި އަޅާފައި ހުއްޓެވެ. ނަމަވެސް އީޕީއޭ އިން އޭރު ބުނީ އެގޮތަށް ހޮޅި ބެހެއްޓިޔަސް ފަރަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

ނަމަވެސް ޗައިނާގެ ސީސީސީސީ ކުންފުންޏަށް ދީފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓާ ހިލާފަށް ކަމެއް ކޮށްފިނަމަ އެކަމެއް އީޕީއޭއަށް ރިޕޯޓް ކުރަން ޖެހޭއިރު، އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކާއި ކުނި އެޅި މައްސަލަ ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ސީސީސީސީ ކުންފުނިން ބްރިޖުގެ މަސައްކަތްކުރީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވުމުން އެ މައްސަލައިގައި އީޕީއޭއިން ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 8.9 ލައްކަ ރުފިޔާއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފައެވެ.