ކްލަބު މޯލްޑިވްސް ކަޕް

ޕެނަލްޓީގައި އެސްޓީއޯ ބަލިކޮށް އެމްޕީއެލް ސެމީއަށް، ފަހުސިކުންތުގައި މޮޅުވެ އެޗްޑީސީވެސް ސެމީއަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ދުވަސްވީ އޮފީސްތަކުގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ، އެމްޕީއެލްއާއި އެޗްޑީސީން ހޯދައިފިއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާ އިރު، އެއީ ކުއާޓާ ފައިނަލްގެ ފަހު ދެމެޗުވެސް މެއެވެ. ރޭގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އެމްޕީއެލް އެސްޓީއޯ ބަލިކުރީ 6-5 ގެ ނަތީޖާއަކުންނެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ރޭ އެޗްޑީސީން ސްޓެލްކޯ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެސްޓީއޯއާއި އެމްޕީއެލް ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ބޮޑަށް ބެލީ ފޯމޭޝަން ހިފަހައްޓައި ކޮޅަށް ގޯލެއް ނުވައްދައި ހިފެހެއްޓުމަށެވެ. ހާއްސަކޮށް ދެޓީމުންވެސް ޑިފެންސިވްކޮށް ކުޅެ، ފުރަތަމަ ހާފުގައި ފެނުނީ މަދު ހަމަލާތަކެކެވެ. އެހެން ނަމަވެސް ދެވަނަ ހާފާއެކު މެޗަށް ދިރުން ގެނެސްދިނެވެ.

ބަދަލަކަށް ކުޅެން އަރައި، އަހުމަދު ޒިފާން އިބްރާހިމް އެސްޓީއޯއަށް ލީޑު ނަގައިދިން އިރު، އެގޯލަކީ އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ކައިރިން މުބާރާތުގައި ވަން ފުރަތަމަ ގޯލެވެ. އެގޯލާއެކު މެޗު ހުޅުވިގެން ދިޔަ އިރު، ދެން ފެނުނީ އެމްޕީއެލުން ދެގޯލު ޖަހައި ނަތީޖާ އަނބުރާލިތަނެވެ. މުހައްމަދު ސާދު ނިޒާރުގެ މޮޅު ގޯލުގެ އިތުރުން އެމްޕީއެލްގެ ދެވަނަ ގޯލު ޖަހައިދިނީ އަލީ ހައިޝަމް (ޗުމްޕު)އެވެ.

މެޗުގެ ދެވަނަ ހާފުގައި އެސްޓީއޯގެ އިސްމާއިލް އީސާ (މެސީ)އަށް ރަތް ކާޑުވެސް ދައްކާފައިވާ އިރު، ފަހު ހާފުގައި އެސްޓީގެ ފައުލް ހަމަވެ އެކަމުގެ ޕްރެޝަރުވެސް ކުރިމަތިވިއެވެ. އެ ޕްރެޝަރުގައި ކުޅެމުން ގޮސް އެސްޓީއޯއިން ނަތީޖާ ހަމަހަމަކުރިއެވެ. އެގޯލު ޖަހައިދިނީ މުހައްމަދު އިމްރާން (އިންމި)އެވެ.

އެސްޓީއޯގެ ފައުލް ހަމަވެ، އެމްޕީއެލްއަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އަލީ ޝަމާލް އަބްދުﷲ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ގޮސްފައިވާ އިރު، ޕެނަލްޓީއަށް އެމްޕީއެލުން ވަނީ ގޯލްކީޕަރު ބަދަލުކޮށްފައެވެ. ތާޑޭގެ ބަދަލުގައި އެމްޕީއެލުން ޕެނަލްޓީއަށް ނެރުނީ ގޯލްކީޕަރު ވިޝާން އަބްދުލް މަޖީދެވެ. އެސްޓީއޯގެ ފުރަތަމަ ދެ ޕެނަލްޓީ ނާކާމިޔާބުވީ އިރު، އެސްޓީއޯގެ މުހައްމަދު ސަނީމް ފޮނުވާލި ޕެނަލްޓީ މަތަކުރީ ބަދަލަށް ނުކުތް ގޯލްކީޕަރު ވިޝާންއެވެ. މެޗުގައި ފަސް ވަނަ ޕެނަލްޓީ ޖަހައި، އެމްޕީއެލްއަށް މޮޅު ޔަގީންކޮށްދިނީ ޝަމާލެވެ.

ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ރޭ ކުޅުނު ދެވަނަ މެޗުގެ ފުރަތަމަ ހާފުގައި އެޗްޑީސީން ސްޓެލްކޯ ކޮޅަށް ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ކެޕްޓަން އަހުމަދު ސިޒާން (ސިއްޕެ) އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ސްޓެލްކޯ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 28 ވަނަ މިނިޓްގައެވެ. މެޗުގައި މޮޅަށް ކުޅުނު އަލީ މާއިޝް (މައްޓު) ދިން ބޯޅައަކަށް އޭރިއާތެރޭގައި ހުރެ އިބްރާހިމް ރިމާހު (ރިމޭ) ޖެހި ގޯލާއެކު ސްޓެލްކޯއިން އުންމީދު ހޯދައި، މުހައްމަދު ވިލްފް ޖެހި ގޯލުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.

ސްޓެލްކޯއިން ފަހަތުން އަރަން ކުރި މަސައްކަތުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކަށްވީ ފަސް ފައުލް ހަމަވުމެވެ. އެޗްޑީސީން އަލުން ލީޑު ނެގީވެސް ފަސް ވަނަ ފައުލު ހަމަވެ، ދިން ދުރު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީގައި ލީޑު އަލުން ހޯދައިދިނީ ޝާއްޕެއެވެ. މެޗު އިތުރަށް ފޯރިގަދަވީ އެޗްޑީސީގެ ވެސް ފަސް ފައުލު ހަމަވުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމަށް ލިބުނު ދުރު ޕެނަލްޓީގައިރިމޭ ވަނީ ސްޓެލްކޯއަށް އަނެއްކާވެސް އެއްވަރުކޮށްދިނެވެ.

މެޗު ނިމެން ސިކުންތުކޮޅެއް އޮއްވައި އެޗްޑީސީއަށް އިތުރު ދުރު ޕެނަލްޓީއެއް ލިބުނު އިރު، އެ ޕެނަލްޓީގައި ޝާއްޕެ ފޮނުވާލި ބޯޅަ ސްޓެލްކޯގެ ކީޕަރު ހުސެއިން ރިފާއު މަތަކުރިއެވެ. އެހެން ނަމަވެސް ރީބައުންސަށް އަރައި ޝާއްޕެ ވަނީ ފަހު ސިކުންތު އެޗްޑީސީ މޮޅުކޮށްދީފައެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް އާދިއްތަ ދުވަހުގެރޭ ކުޅެވޭނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ކްލަބް ވެމްކޯ ކުޅޭނީ ޓީމު ފެނަކައާ ދެކޮޅަށެވެ. ދެވަނަ ސެމީގައި އެޗްޑީސީން ނުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.