މަޝްހޫރު ދިވެހި ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން އިންތިޒާމުކޮށްގެން ބާއްވާ "ޗަނާޗާ 2022" މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، 'ޗަނާޗާ' ފެސްޓިވަލް މިފަހަރު ބާއްވަނީ އެހެން އަހަރުތަކަށްވުރެ ކުލަ ގަދަކޮށެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން ބޭރު ގައުމުތަކުގެ ނަން މަޝްހޫރު އާޓިސްޓުންވެސް މިފަހަރުގެ ޝޯގައި ބައިވެރިވާނެއެވެ.

ޝޯގައި ފެނިގެންދާނެ ދިވެހި މިއުޒިކް ބޭންޑުތަކުގެ ތެރޭގައި ރަވިއޯ، ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވް ހިމެނެއެވެ. މީގެ އިތުރުން ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އަދި އިންޑޮނޭޝިއާގެ އާޓިސްޓެއް ކަމަށްވާ ނަތާޝާ ރަތުނަޔަކެވެސް "ޗަނާޗާ 2022" ގައި ހުށަހަޅައިދޭނެއެވެ.

"ޗަނާޗާ 2022" އޮންނާނީ މާދަމާ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. ފެސްޓިވަލް ކުރިއަށްދާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހަވީރު ޝޯއަށް ހިލޭ ވަދެވޭނެއެވެ. ރޭގަނޑު ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުސަތުތައް މަގުފަހިވެގެންދާ މިފަދަ އިވެންޓުތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.