ރާއްޖޭގެ އެންމެ ދުވަސްވީ އޮފީސްތަކުގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ކްލަބު ވެމްކޯއާއި ޓީމް ފެނަކައިން ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ވެމްކޯއިން އެންމެފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބު (އާރްއާރްސީ) ބަލިކުރީ 5-3ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، ކުރީކޮޅުގައި އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުން ލީޑު ނެގީ އާރްއާރްސީއެވެ. އެ ޓީމުން ލީޑު ނެގި ނަމަވެސް އިސްމާއީލް ވަޖީހު (ވައްޖެ) ޖެހި ދެ ގޯލުން ވެމްކޯ ނަތީޖާ އަނބުރާލިއެވެ. އެހެންނަމަވެސް ވެމްކޯއަކަށްވެސް ހާފު ނިމެންދެން ލީޑެއް ނުހިފެހެއްޓުނެވެ. އަނެއްކާވެސް ހާއްޕެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފުގައި ވެމްކޯ ޓީމުން ވިދާލީ އިރާންގެ އަލީ ހޮދަދާދީއެވެ. އޭނާ ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލަން މުހިއްމު ދައުރެއް އަދާކޮށް ފަހު ހާފުގައި ދެ ގޯލުވެސް ޖަހައިފައެވެ. ވެމްކޯގެ ފަސްވަނަ ގޯލު އަލީ ޝިޔާހް ޖަހައި ދިންއިރު، އާރްއާރްސީގެ ތިންވަނަ ގޯލެއް މެޗުގެ ފަހުކޮޅުގައި ޖެހީ އިބްރާހީމް އަސްވަދު (ގަބޭ) އެވެ. މެޗުގެ ފަހު ހާފުގައި ވެމްކޯގެ ގޯލްކީޕަރު އަބްދުﷲ ޒިމާމްގެ މޮޅު ސޭވްތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ފެނަކައިން ދިވެހި ސިފައިންގެ ކްލަބު ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފެނަކައިގެ އޮންލީ ދެ ގޯލު ޖެހި އިރު، އޭނާ ވަނީ މުބާރާތުގައި މިހާރު 10 ގޯލު ޖަހައިފައެވެ. އޮންލީއަކީ މިވަގުތު ޓޮޕް ސްކޯރާވެސް މެއެވެ. އޭނާގެ އިތުރުން ފެނަކައިގެ ގޯލުތައް ރޭ ޖަހައި ދިނީ މުހައްމަދު އައްޒާމާއި އަޔާޒް އަހުމަދު (އަޔާ) އެވެ.
ކުއާޓާ ފައިނަލުގައި ބާކީ ދެ މެޗު މިރޭ ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ކުޅޭނީ އެމްޕީއެލްއާ ދެކޮޅަށެވެ. އެއީ ކްލަބު މޯލްޑިވްސް ކަޕްގެ ޒަމާންވީ ވާދަވެރިކަމެކެވެ. ކުއާޓާ ފައިނަލް ފަހު މެޗުގައި މިރޭ ކްލަބް އެޗްޑީސީން ވާދަކުރާނީ ސްޓެލްކޯ ކްލަބްއާ ދެކޮޅަށެވެ.