ﷲ ތައާލާއާއި އަޅާމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް އެކަނލާންގެ އުފެއްދެވި ހުރިހާ މަހުލޫގުންނަށް އިހުތިރާމު ކުރަންޖެހޭ ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ދެއްވި ހުކުރު ހުތުބާގައި މުފްތީ ވިދާޅުވީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އޮތީ މާތްﷲ އަަށް ކިޔަމަންތެރިވެ އެކަނލާންގެ އާއި އަޅުތަކުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުން ކަމަށާއި އެކަމަށްޓަކައި އެކަނލާންގެ މި އުއްމަތަށް ބާއްވައިލެއްވި ކީރިތި ގުރުއާން ގިނަގިނައިން ކިޔަވައި އެ ފޮތުގައި އެކަނލާންގެ ވަހީކުރައްވާފައިވާ ކަންތައްތައް ރަނގަޅަށް ދެނެގަންނަންޖެހޭ ކަމަށެވެ.
އަދި ގުރުއާނުގައިވާ ކަންތައްތަކާމެދު ފުންކޮށް ވިސްނައިފި ނަމަ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތައް އަޅުތަކުންގެ އަމިއްލަ ނަފުސު ތަރައްގީކުރުމަށް މަގުފަހިވާނެ ކަމަށާއި އޭގެ ސަބަބުން މާތް ﷲ އުފައްދަވާފައިވާ މަހުލޫގުތަކުންގެ ތެރެއިން ތިމާމެންނަކީ އެންމެ މަހުލޫގެއްކަން އަޅުތަކުންނަށް ވަރަށް ރަނގަޅަށް ދެނެގަނެވި އިހުސާސް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަހަރުމެން އެހެން މީހުންނަށް އިހުތިރާމުނުކޮށް މާތް ﷲ އާ ގާތްގުޅުމެއް ބާއްވާނީ ކިހިނެއްތޯ ސުވާލު އުފައްދައި މުފްތީ ވިދާޅުވީ އިންސާނުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާއެކުވެސް އެކަކު އަނެކަކަށް އިހުތިރާމުކުރަން އެކަނލާންގެ އަޅުތަކުންނަށް އަންގަވާފައިވާ ކަމަށެވެ.
"މިއަދު އަހަރުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިޔާލުތަފާތުވުންތަކާއެކު އަނެކާއަށް އިހުތިރާމުކުރަން ނޭނގުން. ދުނިޔޭގައި އަހަރުމެން މިހޭދަކުރާ ކުޑަ ދުވަސްކޮޅުގައި ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗާ އަދި އެހެނިހެން ގޮތްގޮތުން އިންސާނާ ކުރިއަރާ ދާއިރު އަނެކާއަށް އިހުތިރާމް ކުރުމުގައި އަހަރުމެން ދުވަހެއް ދުވަހަކަށް މިދަނީ ފަހަތައްތޯ؟ އެކަކު އަނެކަކަށް ތަހައްމަލު ކުރުމުން އަހަރުމެން މިދަނީ ފަހަތައްތޯ؟ އެކަކު އަނެކަކާ މަޝްވަރާކޮށް ރީތި ބަހުން ވާހަދެއްކުމުގައި އަހަރުމެން މިދަނީ ފަހަތައްތޯ؟" މުފްތީ ވިދާޅުވިއެވެ.
މުފްތީ ވިދާޅުވީ މާތް ﷲ ގެ ހަޒުރަތަށް ހެޔޮއަމަލުތަކާއެކު އެނބުރިދާން ބޭނުންވާނަމަ އެކަނލާންގެ އުފެއްދެވި ހުރިހާ މަހުލޫގުންނަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި އެކަން ކީރިތި ރަސޫލާގެ ސުންނަތުންވެސް ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ.
"އެއީ މާތްﷲ އުފެއްދެވި ހުރިހާ ދިރޭ ތަކެއްޗަށް، ކުއްތާއަށްވެސް، ބުޅަލައްވެސް، ދޫނިސޫފާސޫތްޕަށްވެސް އިހުތިރާމްކުރަން އެކަލޭގެފާނު ވަނީ އަހަރެމެންނަށް އަންގަވާފައި. އޯގާތެރިކަމާއެކު މަހުލޫގުންނާ ހަމައަށް އަތް ދިއްކޮށްފި ނަމަ މާތްﷲ އަހަރެމެންނަށް އެއަށްވުރެ މާމަތިވެރި ދަރަޖައަކަށް އޯގާތެރިވެ ވޮޑިގަންނަވާނެ،" މުފްތީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު