ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ހޯދާފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަން ހާމަނުކޮށް ފުލުހުން މިއަދު ބުނީ، އެ މަސްތުވާތަކެތި ހޯދާފައިވަނީ އެ މުއައްސަސާގެ ޑުރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްދާ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލަ ޑުރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާއިރު، އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.