ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު ޑުރަގް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ, އެތަކެތި ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު ޕެކެޓެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލުކުރި އިރު, އެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 1 ކިލޯ ހުރި ކަމަށް ބުންޏެވެ.
އަތުލައިގެން ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނާއިރު, އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިއީ މިއަހަރުގެ ތެރޭގައި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މަސްތުވާތަކެތި އަތުލައިގެން ތިންވަނަ ފަހަރެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި 585 ގުރާމް މެފެޑްރޯން އަދި ޖޫން މަހުގެ ތެރޭގައި 526 ގުރާމް މެފެޑްރޯން އަތުލައިގެންފައިވެއެވެ.