ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ތ. ކުރެދިފުށި ދިން އެއްބަސްވުމާ ޓޫރިޒަމް މިނިސްޓްރީން ހިލާފުވެފައިވާ ކަމަށްބުނެ، ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި، މ. އަހުމަދީ އާބާދު، މުހައްމަދު ޒަކީއަށް 35.3 މިލިއަން ޑޮލަރު ދިނުމަށް ދައުލަތަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ދައުލަތުގެ ފަސް ޕަސެންޓް ހިއްސާވާގޮތަށް ކުރެދިފުށި، މުހައްމަދު ޒަކީއަށް ދިނުމަށް 23 ޖެނުއަރީ 2012 ގައި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ދައުލަތުން ހިލާފުވެފައިވާ ކަމަށްބުނެ ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލައިގައި ޒަކީ އެދިފައިވަނީ ދައުލަތުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، އެކަމުގެ ސަބަބުން އޭނާއަށް 35.3 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފައިސާ އެއްފަހަރާ އޭނާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެ ދައުވާއަށް އިންކާރުކޮށް ދައުލަތުން ބުނެފައިވަނީ ފިނޭންސް މިނިސްޓްރީ އާއި މުހައްމަދު ޒަކީއާ ދެމެދު 23 ޖެނުއަރީ 2012 ގައި ސޮއިކޮށްފައިވާ ސީއެސްއާރު އެގްރީމެންޓްގެ ސީއެސްއާރު ޕްރޮޖެކްޓުގެ ބަދަލުގައި ކުރެދިފުށީގެ ލީސް އެކުއިޒިޝަން ކޮސްޓް ދެއްކުމަށްފަހު ސީއެސްއާރު އެއްބަސްވުން ބާތިލުކޮށް ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމަށްޓަކައި ސޮއިކުރަންޖެހޭ ޖޮއިންޓް ވެންޗާ އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން، ކުރެދިފުށީގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 20 ޕަސެންޓް ދެއްކުމަށް ޒަކީއަށް މިނިސްޓްރީން ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުން ގަބޫލުކުރުމަށްފަހު، އެރަށުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެެއްކުމަށް ޒަކީ އެއްބަސްވެފައިވާ ފައިސާ މިއަދާ ހަމައަށް ވެސް ދައްކާފައި ނުވާ ކަމަށެވެ.

އެއާއެކު ޒަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ސީއެސްއާރު އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވާތީ، ޒަކީއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލަށް ދައުލަތުން ޒިންމާވާން ނުޖެހޭ ކަމަށްވެސް ދައުލަތުުން ބުނެފައިވެެއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ދައުވާއިން ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް ހުށަހަޅާފައިވާ މި ދައުވާގައި ޒަކީގެ ފަރާތުން އެދިފައިވާ ކަން އެގޮތަށް ކަނޑައަޅާނެ ހަމައެއް ނެތް ކަމަށެވެ.