ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް "ވާވޮށި ޓާޓަލް ފެސްޓިވަލް 2022" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ބައިންލައަގުވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އެއްފަހަރާ ނުވަ ރަށެއްގައި ކުރިއަށްގެންދާ މި ފެސްޓިވަލް އޮންނާނީ ނ. ޅޮހި، ރ. ފައިނު، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހުރާ، ކ. މާފުށި، ވ. ކެޔޮދޫ އަދި ސ. ފޭދޫގައެވެ.
އެ ރަށްރަށުގެ ސްކޫލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.
ދިރާގުން މިއަދު ބުނީ މި ފެސްޓިވަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމާއި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ފެސްޓިވަލުގެ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް"ގެ ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުން ހިމެނެއެވެ. އަދި "ވާވޮށި ފެސްޓިވަލް ރެލީ"ގެ ނަމުގައި ބާއްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މިމަހުގެ ކުރީކޮޅު ވަނީ މި ފެސްޓިވަލާ ގުޅުވައިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓާ ޑިޒައިން ކުރުމުގެ މުބާރާތަކަށް ވެސް ފުރުސަތު ހުޅުވާލައިފައެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިއީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު