Close
ޚަބަރު

ޓެކްސް ބޮޑުކުރަނީ ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވެދާނެތީ، އިގުތިސާދު މެނޭޖުކުރަން: ސަރުކާރު

މުހައްމަދު ޖަމްޝަތް ވަހީދު

ޖީއެސްޓީ އާއި ޓީޖީއެސްޓީން ނަގާ މިންވަރު ބޮޑުކުރަން ނިންމާފައިވަނީ އިގުތިސާދު މެނޭޖުކުރުމަށް ކަމަށާއި އިގުތިސާދު މެނޭޖު ނުކުރެވިއްޖެ ނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެއިން އަދާ ކުރަންޖެހޭ ދަރަނި އަދާކުރުމަށް ހުރި ނުރައްކާތައް ކުޑަކުރުމަށާއި ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ލަފާ ދީފައިވާ ގޮތަށް ސަރުކާރުން މިހާރު ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެެވެ. ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިހާރު ކުރިއަށް ދަނީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ. ވޭތުވެދިޔަ ދެ ދުވަހު އެ ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މިކަމަކީ ވަރަށް ގިނަބަޔަކު ހިޔާލުތަފާތުވާ ކަމަކަށްވާ އިރު، ސަރުކާރުން އަންނަނީ އެއީ މިވަގުތު އަޅަންޖެހިފައި އޮތް އެންމެ ރަނގަޅު އެއް ފިޔަވަޅު ކަމަށް ކެނޑިނޭޅި ބުނަމުންނެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި ޓެކްސް ބޮޑުކުރުމަކީވެސް އޭގެތެރެއިން ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު މެނޭޖުނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން އަދި މާ ބޮޑުވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ޓެކްސްއާ އެއްކޮޅަށް ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެ. ޖީބުން ދެތިން ލާރި ނަމަވެސް އިތުރަށް ދޭން މި ޖެހެނީ. އެހެންވީމަ އޭގެ ދަތިތަކެއް ހުންނާނެ. ނަމަވެސް ޖުމުލަ ގޮތެއްގައި މުޅި އިގުތިސާދަށް މީގެ ސަބަބުން ކުރާނީ ރަނގަޅު އަސަރު. އާމްދަނީ އަށްވެސް މާބޮޑު އަސަރެއް ނުކޮށް ނުވަތަ އާމްދަނީ އިތުރަށް ރަނގަޅުވެގެންދާނީ އިގުތިސާދު ރަނގަޅަށް މެނޭޖުކުރެވިއްޖެ ކަމަށްވާނަމަ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އިގުތިސާދު މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި ނަމަވެސް ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގަށާއި ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގެ ހަރަދު އަދި ސަރުކާރު ހިންގުމުގެ ހަރަދަށްވެސް ބަދަލުތައް އަންނަ ކަމަށެވެ. އަދި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޓެކްސް ނެގުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުން ރައްޔިތުންގެ ރުހުން ހޯދުމަށް ކަމަށް ބުނެ ޓެކްސް ނަގާ މިންވަރު ދަށްކުރުމުން އިގުތިސާދުތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާ މަންޒަރު މިހާރުވެސް ފެންނަ ކަމަށް ވިދާޅުވިއެވެ.

"މިއާއެކު އިގުތިސާދު ރަނގަޅުކުރެވުނީމަ ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ. މިހާރު ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން އޮންނާނެ. އެހެންވީމަ ލިބޭ އެއްޗެެއްވެސް ލިބެމުން ނުވަތަ އިތުރުވަމުން ދާނީ އިގުތިސާދު ރަނގަޅަށް މެނޭޖުކުރެވިއްޖެ ކަމަށް ވާނަމަ،" މިއުވާން ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވިދާޅުވަމުން އަންނަނީ އެއީ މިވަގުތު އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ. ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އެ މަޖިލީހުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ހަރަދުތައް ބޮޑުވަމުންދާ ކަމަށާއި، ރަށްތަކުގައި ބޭސިކް އިންފްރާންސްޓްރަކްޗާގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެތެރެއިން އާމްދަނީ ލިބޭނެ ކަންތައްތަކެއް މިވަގުތު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެހެންނޫންނަމަ ޖެހޭނީ މިހާރު ހިންގާ ޕްރޮޖެކްޓުތައް ހުއްޓާލަން ކަމަށާއި އެހެން ވެއްޖެނަމަ ރާއްޖޭގެ އިގުތިސާދު ދާނީ ފަހަތަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.