ފޭސްބުކު ހިންގާ މެޓާ ކުންފުނީގެ 1500 ޑޮލަރުގެ އަގުބޮޑު ކުއެސްޓް ޕްރޯ ވީއާރު އަކީ އާދައިގެ އުފެއްދުމެއްނޫނެވެ. މި އުފެއްދުމުގެ ސަބަބުން އާންމުކޮށް ކޮމްޕިއުޓަރު ތަކުގައި ބޭނުން ކުރާ މޮނިޓަރ ތަކަށްވުރެ ވާރޗުއަލްދުނިޔޭގައި އުފައްދައިދޭ ގިނަ މޮނިޓަރުތަކެއް މި ވީއާރުގެ ތެރެއިން ލިބޭކަމަށާއި މިއީ ޑިސްޕްލޭ ޓެކްނޮލޮޖީގެ މުޅިން އާ ޒަމާނަކަށް ގެންގޮސްދޭނެ އުފެއްދުމެއް ކަމަށް ބުނަންފަށައިފިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ވީއާރު ހެޑްސެޓް އުފައްދާ ކުންފުނިން ނެރުނު މި އާ ޓެކްނޮލޮޖީގައި، އެންމެމަތީި ވިޝުއަލް ކްލެރިޓީ، ޕެންކޭކް ލެންސް، އަދި މިނީ އެލްއީޑީ ބެކްލައިޓިން ހިމަނާފައިވާ ކަމަށާއި ފިޒިކަލް މޮނިޓަރުތަކުގެ ބަދަލުގައި މި ވީއާރު ފުދޭނެކަމަށް މިހާރުވަނީ ބެލެވިފައެވެ.
މެޓާ ކުއެސްޓް ޕްރޯ އަދި އާންމުކޮށް ބޭނުން ކުރަންފަށާފައި ނުވި ނަމަވެސް ބައެއް މީހުންނަށް ވަނީ މިހެޑްސެޓް ޓެސްޓްކޮށްލަން ލިބިފައެވެ. ނަސީބުވެރި މަދު ޑިވެލޮޕަރުން އެ މީހުން އުފައްދާ އެޕްލިކޭޝަން ތައްޔާރުކުރުމަށް މެޓާގެ އެންމެ އަގުބޮޑު ހެޑްސެޓް ވެސް ވަނީ ދީފައެވެ.
އަންނަ ހަފްތާގައި ކުއެސްޓް ޕްރޯގެ ވީއާރު ހެޑްސެޓްގެ ފުރިހަމަކަން އާންމުންނަށް ވަޒަން ކޮށްލެވޭނެ ކަަމަށާއި އެހެން ނަމަވެސް، 1،500 ޑޮލަރު ދީގެން ހޯދާ ހެޑްސެޓްގެ ހުރި ކުޅަދާނަކަން މިހާރުވެސް ފެންނަން ފަށައިފި ކަމަށާއި އެއްފަހަރާ ގިނަ މޮނިޓަރުތައް ބޭނުން ކުރަން ޖެހޭ ހާލަތުގައި ދެން ދެވޭނީ ކުއެސްޓް ޕްރޯ ހޯދުމަށް ކަމަށް ޓެކްނޮލޮޖީގެ އެކިއެކި ޓެސްޓްތައް ކުރާ ފަރާތްތަކުން މިހާރު އަންނަނީ ބުނަމުންނެވެ.
މި ވީއާރުގެ ސާފުކަމާއި މަންޒަރު ފުރިހަމަކަން ގަބޫލުކުރަންވެސް ދަތިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ގޮތުން ސްމާޓްފޯނެއް މެދުވެރިކޮށް ކުއެސްޓް ޕުރޯ ވީއާރު ހެޑްސެޓުން ފެންނަ މަންޒަރު ވެސް ވަނީ ހިއްސާ ކޮށްފައެވެ.