ހުޅުމާލޭގައި ހެދި ސަރުކާރުގެ އާ އޮފީސް އިމާރާތުގެ މަސައްކަތް މި ނޮވެމްބަރުގައި ނިންމައި އަންނަ ޑިސެމްބަރު މަހު އިމާރާތް ބޭނުންކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ މި އިމާރާތަކީ ސަރުކާރުގެ ގިނަ އޮފީސްތަކުގެ އިދާރީ މަސައްކަތްތަކަށް އަމިއްލަ ތަންތަން ވަކި މުއްދަތެއް ނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައިވާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހެދި އިމާރާތެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގުރޫޕާ ހަވާލުކޮށްގެން ހެދި މި އިމާރާތަށް ޖުމުލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުޅުމާލޭގައި ހަދަން ނިންމި މި އިމާރާތުގެ މަސައްކަތް 2020 ވަނަ އަހަރުގެ ފެބްރުއަރީގައި ފެށި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމާރާތުގެ މަސައްކަތް ލަސްވިއެވެ.

ޖުމުލަ ހަ ފަންގިފިލާއަށް ހަދާފައިވާ މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަފޫޓު ހުރެއެވެ. މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވާ ގޮތަކީ:

  • ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ: ޕާކިން އޭރިއާ
  • ދެވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
  • ތިންވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • ހަތަރުވަނަ ފަންގިފިލާ: އެމެރިކަން އެމްބަސީ
  • ފަސްވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
  • ހަވަނަ ފަންގިފިލާ: ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަހެއް