ކްލަބު މޯލްޑިވްސް ކަޕް

ކްލަބު މޯލްޑިވްސް: ކުއާޓާގެ ފަހު ޖާގަތައް އެސްޓީއޯ، އެމްޕީއެލް، އެޗްޑީސީ އަދި ސްޓެލްކޯއަށް

ރާއްޖޭގެ އެންމެ ދުވަސްވީ އޮފީސްތަކުގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ފަހު މެޗުތަކުން މޮޅުވެ، އެސްޓީއޯއާއި އެމްޕީއެލް، އެޗްޑީސީ އަދި ސްޓެލްކޯއިންވެސް ކުއާޓާ ފައިނަލް ޖާގަތައް ޔަގީން ކޮށްފިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ ޓީމުތައް މިހާރު ޔަގީންވެފައިވާ އިރު، ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ މާދަމާރެއާއި ހުކުރު ދުވަހުގެ ރޭގައެވެ. މާދަމާ ރޭ ކުއާޓާގެ ދެމެޗު ކުޅޭއިރު ހުކުރު ދުވަހުގެ ރޭގައިވެސް ކުއާޓާގެ މެޗުތައް ކުޅޭނެއެވެ.

ކުއާޓާގެ ކުރިމަތިލުންތައް

  • އާރްއާރްސީ - ކްލަބް ވެމްކޯ (ބުރާސްފަތި ދުވަހުގެ ރޭ)
  • ޓީމް ފެނަކަ - ދިވެހި ސިފައިންގެ ކްލަބް (ބުރާސްފަތި ދުވަހުގެ ރޭ)
  • އެމްޕީއެލް - އެސްޓީއޯ (ހުކުރު ދުވަހުގެ ރޭ)
  • އެޗްޑީސީ - ސްޓެލްކޯ (ހުކުރު ދުވަހުގެ ރޭ)

ރޭ ކުޅުނު ގަދަ 16 ގެ މެޗުތަކަށް ބަލާލާ އިރު، އެމްޕީއެލްއިން މޯލްޑިވިއަން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެމްޕީއެލް ކޮޅަށް މިހާތަނަށް މުބާރާތުގައި ގޯލެއް ވަދެފައިނުވާ އިރު، ރޭގެ މެޗުގައިވެސް އެންމެ ތަފާތު ބޮޑުކޮށް ފެނުނީ އެމްޕީއެލްގެ ތަޖުރިބާކާރު ގޯލްކީޕަރު ކީޕަރު ފާތިހު (ތާޑޭ)އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ތާޑޭއެވެ.

ރޭގެ މެޗުގައި އެމްޕީއެލްގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ އަހުމަދު ހުސެއިން (އައްމަޑޭ)އެވެ.

އެސްޓީއޯއިން ކުއާޓާ ޔަގީންކުރީ ކްލަބް އެއާޕޯޓްސް ކައިރިން 4-1 އިން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެސްޓީއޯގެ ހުޒައިފަތު ރަޝީދު ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އިސްމާއީލް އީސަ (މެސީ)އެވެ. މެޗުގެ ފަހު ކޮޅުގައި ކްލަބް އެއާޕޯޓްސްގެ ހަމައެކަނި ގޯލު ޖެހީ އަލީ އާމިރެވެ.

ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ސްޓެލްކޯއިން ކްލަބް ފެން ބަލިކުރީ 4-2 އިންނެވެ. މެޗުގައި ސްޓެލްކޯގެ ގޯލުތައް އަލީ މާއިސް (މައްޓު)އާއި އިބްރާހިމް ރިމާހު (ރިމޭ) އެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގައި ފެން ކްލަބުގެ ގޯލުތައް ޖެހީ ނާއިފް ޝަފީގު (ސީއާރް3)އާއި ސޮލާހު އަލީ (ސޮލާ) އެވެ.

އެޗްޑީސީން ރޭ ކުޅުނު މެޗުގައި 5-0 އިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބަލިކުރި އިރު، ގޯލުތައް ޖަހައިދިނީ ސާމިން މުހައްމަދު ނަސީރާއި އަހުމަދު ވިސާމްގެ އިތުރުން އަކްރަމް އަބްދުލް ރަޝީދާއި ހުސައިން ސުހައިލެވެ. ސާމިން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެޗްޑީސީން ރޭގެ މެޗުގައި ނާއިޒް ހަސަން (ދާދު)ގެ ކުޅުންވެސް ފާހަގަކޮށްލެވިފައިވެއެވެ.