އެމްޑީޕީއަށް ރަނގަޅުވާގޮތަށް، ކަންކަން ކުރެއްވުމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެދިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ކަން ކުރައްވާނީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރަސީއަށް އެންމެ ރަނގަޅުވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަމިއްލަ ޕާޓީގެ މެމްބަރަކާ ދިމާލަށް މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ އިރު، ކޮމިޓީން ފާސްކޮށްގެން ނޫން ގޮތަކަށް އެ ކޮމިޓީގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަކީ ގަބޫލު ކުރައްވާކަމެއް ނޫން ކަމަަށް ރިޒާ ވިދާޅުވުމުންނެވެ.
ރިޒާ މިހެން ވިދާޅުވީ، ކޮމިޓީ ބަހުސްގައި މި ބިލު ސަރުކާރުން ހުށަހަޅާފައިވާގޮތަށް ފާސް ކުރަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވައި، މެމްބަރުން ތާއީދު ކުރައްވައި، އެ ބިލުގެ ބަހުސް ނިމެންދެން ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދިއުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދުގެ ހުށަހެޅުއްވުމަށްވެސް މެމްބަރުން ތާއީދު ކުރައްވާފައި ވަނިކޮށް އެކަންތައްތައް ނުކުރެވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުންނެވެ.
އެ ބިލާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެއްވެސް ފަރާތެއް ކޮމިޓީއަށް ހާޒިރުކުރަން އެއްވެސް މެންބަރަކު ހުށަހަޅާފައި ނުވަނީސް، މަޓީ އާއި ޗެމްބާ އޮފް ކޮމާސް އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ އިތުރުން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ގެންނަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެބޭފުޅުން ކޮމިޓީއަށް ހާޒިރު ނުކޮށް، ބިލު ފާސްކުރަން ހުށަހެޅި ހުށަހެޅުމަށް ވޯޓަށް ނާއްސަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮމިޓީގެ ވަގުތު އިތުރު ކުރެއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުﷲ ވަހީދު ހުށަހެޅުއްވުމުން، އެގޮތަށް ހުށަނޭޅުއްވޭނެ ކަމަށާއި ކޮމެޓީ ވަގުތު ނިމުމުން ކޮމިޓީ ނިންމަވާލައްވާނެ ކަމަށާއި ދުވާލު ހަތަރުދަމު އެތާ ތިބޭގޮތަށް ގަވާއިދު ހަމަޖެހިފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ އެ ވާހަފުޅުތަކާ ގުޅިގެން ގިނަ މެމްބަރުންތަކެއްގެ ފާޑުކިއުންތައް ރައްދުވިއެވެ.
އެކަމާ ގުޅިގެން އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ރިޒާ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބިލު ފާސްކުރަން ތާއީދު ކުރައްވާ ކަމަށެވެ. އަދި "މިއީ މުޅި މަޖިލީހުގެ ކޮމިޓީ މި ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި އިންނެވީ މަޖިލީހުގެ ރައީސް، މި ކޮމިޓީން ފާސްކޮށްގެން ނޫން ގޮތަކަށް މި ކޮމިޓީއާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެ ކަމަށް އަޅުގަނޑު އިއުތިރާޒު ކުރަން،" ކަމަށް ރިޒާ ވިދާޅުވިއެވެ.
އެހިސާބުން ރިޒާގެ ވާހަކަ މެދުކަނޑުއްވައިލެއްވުމަށްފަހު މަޖިލިސް ރައީސް ވާހަކަ ދައްކަވަން ފެއްޓެވިއެވެ.
ވިދާޅުވީ، ޑިމޮކްރެޓިކު އުސޫލުތައް ހިފެހެއްޓުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ވާޖިބު ކަމަށެވެ. ވަކި ސަރުކާރަކަށް ފަހިވާގޮތަށް މަޖިލީހުގެ އިޖުރާއަތްތައް ހިންގުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު "އަޅުގަނޑަށް އެނގޭ އިއްޒަތްތެރި މެންބަރުގެ ޕާޓީއަށް ފަހިވާގޮތަށް އިއްޒަތްތެރި މެންބަރު ކަންކަން ކުރެއްވުމަށް އެދިވަޑައިގަންނަވާނެކަން. އެހެން ނަމަވެސް އަޅުގަނޑު ކަން ކުރާނެ ގޮތަކީ މި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަދި މި ދިވެހި ރާއްޖޭގެ ޑީމޮކްރަސީއަށް އެންމެ ރަނގަޅުވާގޮތުގެ މަތިން،" ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޓީ ފޮނުވައިގެން ކޮމިޓީތަކަށް ކަމުގެ މާހިރުން ގެނައުމަކީ އާއްމުކޮށް ކުރާ ކަމެއް ކަމަށާއި ކަންކަން ނިމިގެންދަނީ އެބޭފުޅުންނާ ވާހަކަ ދައްކައިގެން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީތަކުންވެސް އަދި މަޖިލީހުންވެސް ކަންކަން ނިންމަނީ މެމްބަރަކު ހުށަހަޅައިގެން އެއަށް ތާއީދު ލިބުމުންނެވެ.
މަޖިލިސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެންވެސް ތަކުރާރު ކުރައްވައި މެމްބަރު ރިޒާ ވިދާޅުވީ، "އަޅުގަނޑު ގަބޫލު ކުރަނީ ކޮމިޓީގެ މަސައްކަތް ކުރިއަށްދާނީ ކޮމިޓިީގެ މެންބަރުން ފާސްކުރާ އުސޫލުން ކަމަށް، އަދި މި ކޮމިޓީއަށް އެއްވެސް ބޭފުޅަކު ހާޒިރު ކުރުމަކީ ކޮމިޓީން ފާސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު