ޓެކާސް މޯލްޑިވްސްގެ، ޓެކާސް ރިސޯޓް ކަޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ވެލިގަނޑު މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ހޯދައިފިއެވެ.

ވެލިގަނޑުން ޗެމްޕިއަންކަން ހޯދީ އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ކުރަމަތި މޯލްޑިވްސް ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އއ. އަތޮޅުގެ މުބާރާތް ކުރަމަތީގައި ހޯސްޓް ކޮށްފައިވާ އިރު، މިހާރު ޓެކާސްއިން ވަނީ ރިސޯޓު ކަޕްގެ ތިން މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.

ގިނަ އަދަދެއްގެ ކުރަމަތީ ސަޕޯޓަރުންނާ އެކު ފައިނަލް މެޗު ކުރިއަށް ގޮސްފައިވާ އިރު، ފެނުނީ ދާދި ހަމަހަމަ، ފޯރިގަދަ ކުޅުމެކެވެ. އިތުރު ވަގުތުގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުގެ ފަރާތުންވެސް ފިޒިކަލީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގައި މަދުވީ ގޯލެކެވެ.

ގޯލެއް ނުޖެހި ޕެނަލްޓީއަށް ގޮސްފައިވާ އިރު، ދެޓީމުންވެސް ފުރިހަމަ ރެކޯޑެއްގައި ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ކުރަމަތީގެ ހަވަނަ ޕެނަލްޓީ ނާކާމިޔާބުވެ، އެޓީމަށް ތަށި ގެއްލުނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެލިގަނޑުގެ އާދަމް މުހައްމަދު ހޮވިފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކުރަމަތީގެ މުހައްމަދު ޝާނިއުއެވެ. އއ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ކުރަމަތީގެ މުހައްމަދު ސާއިންއެވެ.

  • އާދަމް މުހައްމަދު - ވެލިގަނޑު މޯލްޑިވްސް
  • މަންސޫރު މުހައްމަދު - ވެލިގަނޑު މޯލްޑިވްސް
  • ހަނީފް އަބްދުﷲ - ވެލިގަނޑު މޯލްޑިވްސް
  • މާހިދު އިބްރާހީމް - ކުރަމަތި މޯލްޑިވްސް
  • މުހައްމަދު ސާއިން - ކުރަމަތި މޯލްޑިވްސް

ޓެކާސްއިން ވަނީ ރިސޯޓު ފުޓްސަލް މުބާރާތުގެ ފުރަތަމަ ދެ މުބާރާތް، ކ. އަތޮޅު އުތުރު އަދި ދެކުނު ބިތުގެ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފައެވެ. ކ. އަތޮޅު ދެކުނު މުބާރާތުގައި ޖުމުލަ 12 ޓީމަކުން ވާދަކޮށްފައިވެއެވެ. އެ މުބާރާތް ކްރޮސް ރޯޑްސްގައި ހޯސްޓް ކުރި އިރު، ޗެމްޕިއަންކަން ނެގީ އޮޒެން-ލައިފް މާދޫއެވެ. ކ. އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބަރޮސް މޯލްޑިވްސްއެވެ.

ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ޓެކާސް ރިސޯޓް ކަޕްގެ އދ. އަތޮޅު ޒޯންގެ މުބާރާތް މިއަދު ފަށާފައިވެއެވެ. އެ މުބާރާތް ކޮންޑްރެޑް މޯލްޑިވްސްގައި ހޯސްޓް ކުރާ އިރު، ސަން އައިލެންޑްގެ އިތުރުން ދެން ވާދަކުރާނީ ކޮންޑްރެޑް މޯލްޑިވްސް ރަންގައްޔާއި ސެންޓާރާ ގްރާންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ލަކްސް ސައުތު އަރި އެޓޯލްއެވެ.

ޓެކާސް ރިސޯޓް ކަޕްގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.