ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ތަޖުރިބާ ރާއްޖޭގައި މަދު ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާކުރުމަށް ބާއްވާ ފުރަތަމަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް" ފެށެމުގެ ގޮތުން މިއަދު ހެނދުނު ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަނަފީ ވިދާޅުވީ ރާއްޖޭގެ ވަށައިގެން 99 ޕަސެންޓް ކަނޑުގެ ސަރަހައްދެއް އޮންނައިރު އޭގެ ސަބަބުން ރާއްޖޭގެ ބޯޑާ ސެކިއުރިޓީއަށް އޮންނަ ނުރައްކާތެރިކަމުގެ މިންވަރު އަބަދުވެސް މަތި ކަމަށެވެ.
ކޮވިޑްގެ ވަބާއަށްފަހު، ގައުމުތަކުގެ ބޯޑަރުގައި ހިންގާ ކުށްތަކުގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބޮޑެތި ގައުމުތަކާއި ރާއްޖެފަދަ ކުދި ގައުމުތަކުންވެސް އެކުގައި މަސައްކަތްކޮށް، ހައްލު ހޯދަމުން އަންނަ ކަމަށް ހަނަފީ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ގްލޯބަލް ޕަބްލިކް ޕޮލިސީ އެޖެންޑާތަކުގައި ބޯޑާ ސެކިއުރިޓީއަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ފަށާފައިވާ ސިމްޕޯޒިއަމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"މި ސަބަބުތަކާހުރެ، އަޅުގަނޑު ދެކޭގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދީ، ހަރުދަނާކުރުމަށްޓަކައި ބޯޑާއާ ގުޅުންހުރި ހުރިހާ ސަލާމަތީ އިދާރާތައް އެއްތަނަކަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން، މިއީ އަޅުގަނޑުމެންގެ ގައުމުގެ ތެރޭގައި، އިންޓަ އޭޖެންސީ ކޯޑިނޭޝަން ގާއިމުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،" ހަނަދީ ވިދާޅުވިއެވެ.
ގައުމީ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމްއަކީ މޯލްޑިވްސް އިމިގްރޭޝަން އިން އިސްނަގައިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ބޯޑާ ކޮންޓްރޯލް ދާއިރާއާ ގުޅުންހުރި އިދާރާތަކާ އެކު ކޮންމެ އަހަރަކު ބާއްވަން ރާވާފައިވާ މަހާސިންތާއެކެވެ. މިއީ މި ސިމްޕޯޒިއަމް ބާއްވާ ފުރަތަމަ އަހަރެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ މަޝްވަރާ ބައްދަލުވުމުގައި އިމިގްރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ކޮންމެ އަހަރަކު ބާއްވަން ރާވާފައިވާ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ބޯޑާ ސެކިއުރިޓީއާ ގުޅުންހުރި ހުރިހާ އިދާރާތަކެއްގެ މެދުގައި އޮންނަ އެއްބާރުލުން ހަރުދަނާކޮށް ބޯޑާ ސެކިއުރިޓީގެ ކަންތައްތައް ހަރުދަނާ ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު