ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންގެ ދައުރު އިއްޔެއަށް ހަމަވެ، އާ ނައިބުންގެ ދައުރު މިއަދު ފަށައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންގެ ދައުރު އިއްޔެއަށް ހަމަވާތީ، މިދިޔަ ޖުލައި 18 ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލާން ހުޅުވާލިއެވެ. އެގޮތުން ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމަށް ކުރިމަތިލެއްވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑީއެމްޑީ އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) އެވެ. އަދި ޗެއާޕާސަންގެ ނައިބު (މާލީ) ގެ ކަމުގައި މާގަމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުން އެ މަގާމަށް ހޮވީ، މިދިޔަ އޮގަސްޓް މަހު އެމްޑީޕީން ބޭއްވި ކޮންގްރެސްގައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުގައި ކުރިން ހުންނެވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ފާއިތުވެދިޔަ ފަސް އަހަރު ޗެއާޕާސަންގެ ނައިބު (އިދާރީ)ގެ މަގާމުގައި ހުންނަވައިގެން މެމްބަރު އަލީ ނިޔާޒު އެ ޕާޓީއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް ޕާޓީގެ މެމްބަޝިޕާއި ކެންޕޭންތަކުގެ ކާމިޔާބީގައި އޭނާ އަދާކުރެއްވި ދައުރު އެމްޑީޕީން ފާހަގަކުރިއެވެ.
އެމްޑީޕީން ބުނީ، ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ހޮވުނު އިބްރާހިމް ވަހީދާއި އަހުމަދު އަބްދުﷲގެ ފަރާތުން މިހާރު ވެސް ލިބެމުންދާ ހިދުމަތްތައް ޕާޓީއަށް އިތުރު ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ، އިދާރީ ގޮތުން ޗެއާޕާސަންއަށް އެހީތެރިވުމަށް ހުންނަ ބޭފުޅެކެވެ. ޗެއާޕާސަން ނެތް ހާލަތެއްގައި އެ މާގަމް ވަގުތީ ގޮތުން ފުރުއްވާނެ ފަރާތަކީ ޗެއާޕާސަން ނައިބު އިދާރީ އެވެ. ޗެއާޕާސަން ނައިބު (މާލީ) އަކީ އެ ޕާޓީގެ ހަތަރު ވަނައަށް އެންމެ އިސް މަގާމެވެ. އޭނާ އަކީ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާއި ޗަންދާގެ ކަންތައްތައް ޗެއާޕާސަންގެ ބެލެމުގެ ދަށުން އިންތިޒާމް ކުރާ ފަރާތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު