ޚަބަރު

ސަނީފު މަޖިލިސް ރައީސަށް: ހުދުމުހުތާރުކޮށް މަޖިލިސް ހިންގުމުގެ ބާރެއް ނޯންނާނެ!

އިބްރާހިމް ޒަކީ

ރައިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ކަންތައްތައް ހިންގަވަމުން ގެނަދަވަނީ ހުދު މުހުތާރުކޮށް ކަން ފާހަގަކުރައްވައި، އެގޮތަށް ހުދު މުހުތާރުކޮށް މަޖިލިސް ހިންގުމުގެ ބާރު މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް ރައީސަށް ލިބިގެން ނުވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް ވިދާޅުވެއެވެ.

ސަނީފް މިހެން ވިދާޅުވީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މުޅި މަޖިހުގެ ކޮމިޓީ ބަހުސްގައި، ބައެއް މެންބަރުން ހުށަހަޅުއްވައި ތާއީދު ލިބުނު ކަންތައްތައް ގަބޫލު ނުކުރައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

ކޮމިޓީ ބަހުސްގައި މި ބިލު ސަރުކާރުން ހުށަހަޅާފައިވާގޮތަށް ފާސް ކުރަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އެވެ. އަދި އެ ބިލުގެ ބަހުސް ނިމެންދެން ކޮމިޓީ ކުރިއަށްގެންދިއުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުންތަކަށް އެހެން ބައެއް މެންބަރުން ތާއީދު ކުރެއްވިއެވެ. އޭގެ ތެރޭގައި މެންބަރު ސަނީފު ހިމެނިވަޑައިގަންނަވައެވެ.

މަޖިލިސް ގަވާއިދުގައި އޮންނަ ގޮތުން މަޖިލިސް ތަޅުމާއި މަޖިލިސް ކޮމިޓީތަކުގައި ކަންހިނގާ ގޮތަކީ، މެންބަރަކު ހުށަހަޅުއްވައި އެހެން މެންބަރަކު ތާއީދު ކުރައްވައިފިނަ އެކަމެއް ނިންމަން ޖެހެނީ ވޯޓުންނެވެ. ކޮމިޓީގައި ހިނގާ ބަހުސަކާ ގުޅިގެން މައުލޫމާތު އޮޅުން ފިލުވުމަށް ބަޔަކު ހާޒިރުކުރަންވިޔަސް އެކަން ކުރަންޖެހެނީ، ކޮމެޓީއަށް ގެންނަން ބޭނުންވާ ފަރާތްތަކުގެ ނަންތައް މެންބަރަކު ހުށަހެޅުއްވުމުން އެއަށް ތާއީދު ލިބިއްޖެނަމަ، ވޯޓަށް އެހުން ނުވަތަ އެއްވެސް މެންބަރަކު އެކަމަށް ދެކޮޅު ނަހަދާނަމަ އެއީ ކޮމެޓީ އިއްތިފާގުވާ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، އެ ބިލުގެ ބަހުސްގައި މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ ފަރާތްތައް ކޮމިޓީއަށް ހާޒިރު ނުކޮށް ބިލަށް ވޯޓަށް ނާއްސަވާނެ ކަމަށެވެ. އޭގެ ތެރޭގައި މަޓީ އާއި ޗެމްބާ އޮފް ކޮމާސް އާއި ގެސްޓްހައުސް އެސޯސިއޭޝަން ގެ އިތުރުން ފިނޭންސް މިނިސްޓަރު ހިމެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އޭރު އޮތީ ބިލު އޮތް ގޮތަށް ފާސްކުރުމަށް މެންބަރު ޝަރީފު ހުށަހަޅުއްވައި އިތުރު މެންބަރުން އެއަށް ތާއީދު ކުރައްވައިފައެވެ. ނަމަވެސް ބިލާ ގުޅޭގޮތުން އެއްވެސް ބޭފުޅަކު ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅައި ތާއީދު ކޮށްފައެއް ނުވެއެވެ. ކޮމިޓީގެ ވަގުތު އިތުރު ކުރެއްވުމަށް އަބުދުﷲ ވަހީދު ހުށަހެޅުއްވުމުން މަޖިލިސް ރައީސް ވިދާޅުވީ، އެގޮތަށް ހުށަނޭޅުއްވޭނެ ކަމަށާއި، ކޮމެޓީ ވަގުތު ނިމުމުން ކޮމިޓީ ނިމޭނެ ކަމަށެވެ. އަދި "ހަތަރުދަމު މިތާ ތިބުމަކަށްނޫން ގަވާއިދު ހަމަޖެހިފައިވަނީ،" ކަމަށްވެސް ވިދާޅުވިއެވެ.

މި ބިލުގެ ބަހުސްގެ ތެރެއިން ސަނީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ޝަރީފާއި، އަބުދުﷲ ވަހީދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވުމުން، ކޮމެޓީގެ ވަގުތު އިތުރު ނުކުރެއްވޭނެކަމަށް ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، މަޖިލިސް ރައީސް ތަކުރާރު ކުރެއްވިއެވެ.

އެހިސާބުން ހިތްހަމަ ޖެހިވަޑައިނުގެން ސަނީފު ވިދާޅުވީ، މަޖިލިސް ރައީސް ބޭނުންފުޅިއްޔާ ކޮމެޓީ ނިންމަވާލެއްވިދާނެ ކަމަށާއި، ނަމަވެސް މަޖިލިސް ރުހުންނެތި މަޖިލީހަށް ބަޔަކު ގެންނަ ވާހަކަ ވިދާޅުވުމަކީ މަޖިލިސް ރައީސް ހިތުހުރި ގޮތަކަށް މަޖިލިސް ހިންގެވުން ކަމަށެވެ.

އެއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހަށް ކަމާބެހޭ ފަރާތްތައް ގެނެވި ޓެކުހާ ބެހޭ ކަންތައްތައް މުތާލިއާ ކުރެވޭނެ ކަމަށެވެ. އަދި "އެނޫން ގޮތަަކަށް މިކޮޓީ ނުހިނގާނެ، މި ކޮމިޓީ ބަލަހައްޓަން މިވަގުތު މީނީ އަޅުގަނޑު އެކަން ހިނގާނީ އަޅުގަނޑަށް ލިބިފައިވާ އިހުތިޔާރުތަކުގެ ތެެރެއިން،" ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެވާހަގަތަކާ ގުޅިގެން ސަނީފް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ "159 ވަނަ މާއްދާގެ ދަށުން މަޖިލިސް ހިންގުމުގެ ބާރު އެގޮތަށް ރައީސަށް ލިބިގެން ނުވޭ،" ކަމަށެވެ. އަދި މަޖިލިސް ރައީސް މަޖިލީހުގެ ކަންތައްތައް ހިންގަވަނީ ހުދު މުހުތާރުކޮށް ކަމަށްވެސް ވިދާޅުވިއެވެ.