ޚަބަރު

ޓެކްސްގެ ބިލުގެ ބަހުސްގައި އެމްޑީޕީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެ މަޖިލިސް ހޫނުވެއްޖެ

އިބްރާހިމް ޒަކީ

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހެޅި ބިލުގެ ބަހުސްގެ ތެރެއިން އެމްޑީޕީން މެންބަރުންގެ މެދުގައިވެސް ބަހުސް ހޫނުވެ އަޑުގަދަކުރައްވަން ފައްޓަވައިފިއެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު މިހާރު އޮތީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ.

މިއަދު ކުރިއަށްދިޔަ ކޮމިޓީ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ބައްދަލުވުން ހޫނުވީ ބަހުސް ކުރެއްވުމަށް ފުރުސަތަކަށް އެދިވަޑައިގެން ތިއްބެވި މެންބަރުންގެ ތަރުތީބުން ބޭރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް މަޖިލިސް ރައީސް ކުއްލިއަކަށް ފުރުސަތު ދެއްވުމުންނެވެ.

އެ ފުރުސަތު ދެއްވީ ނިޒާމީ ނުކުތާއެއްގެ ދަށުން ކަމެއް މަޖިލިސް ރައިސް ވިދާޅެއް ނުވެއެވެ. ނަމަވެސް ފުރުސަތުގައި އަލީ އާޒިމް ވާހަކަދައްކަވަން ފެއްޓެވީ، ކުރީ ދުވަހުގެ ކޮމިޓީގައި ހިނގައިދިޔަ ކަންތައްތަކާބެހޭ ވާހަކައިންނެވެ. ވިދާޅުވީ ޓެކްސް ބިލާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓޫރިޒަމް ސެކްޓަރާއި ފިހާރަ ހިންގާ މީހުންނާއި މަޓީއާއި މަސީ ކޮމިޓީއަށް ގެންނަން ކުރީ ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެ ދުވަހު މެންބަރުންތަކެއް ކޮމިޓީގެ ކޯރަމް ގެއްލުވާލުމަށްފަހު އޮތް ގޮތަށް ބިލު ފާސްކުރަން ޕީޖީ ގުރޫޕުގެ ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށް ވިދާޅުވިއެވެ.

އަލީ އާޒިމްގެ ވާހަކަ ފެށުމާއެކު އޭނާއާ ވަރަށް ކައިރީގައި އިންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އަޑުގަދަކުރަން ފެއްޓެވިއެވެ. ވިދާޅުވީ، މަޖިލިސް ރައީސް އަލީ އާޒިމަށް ފުރުސަތު ދެއްވީ ނިޒާމީ މައްސަލައެއްގައި ކަމެއް ނުވަތަ ސުލޫކީ މައްސަލައެއްގައި ކަމެއް އަދި އަހުލާގީ މައްސަލައެއްގައި ކަމެއްވެސް ނޭނގޭ ކަމަށެވެ.

އެ ހިސާބުން ޓެކްސް ބިލު ފާސްކުރަން ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އެ ބިލު ފާސްކުރަން ތާއީދުނުކުރައްވާ މެންބަރުންގެ މެދުގައި، ރައްދު ދިނުން ބޮޑުވެ، ދައްކާވާހަކައަކީ ކޮބައިކަން ނޭނގޭ ވަަރަށް އަޑުގަދަވިއެވެ. އެކަމާ ގުޅިގެން ގިނަ ވަގުތުތަކަކަށް ޖަލްސާގެ އަޑުކަނޑާލާފައި ބެހެއްޓިއެވެ.