ވާދަވެރިންނަށް ދެރަވާނެ އެތައް ކަމެއް ގޫގުލްއިން އިިންޑިޔާގައި ހިންގާ ކަމަށްބުނެ ގާތްގަނޑަކަށް 13.4 ބިލިއަން ރުފިޔާ (162 މިލިއަން ޑޮލަރު)އިން ޖޫރިމަނާ ކޮށްފިއެވެ. އިންޑިއާގައި ވިޔަފާރީގެ ވާދަވެރިކަން ބަލަހައްޓާ ބެލެނިވެރި ވުޒާރާއިން ގޫގުލް ޖޫރިމަނާކޮށްފައި ވަނީ ސްމާޓްފޯނު އުފައްދާ ކުންފުނިތަކާ އެކު ގޫގުލްގެ އެޕުތައް ބޭނުން ކުރުމަށް މަޖުބޫރުކުރުވާ އެއްބަސްވުންތައް ހަދަމުން އަންނަ ކަމަށް ބުނެ އެވެ.
މިފަދަ ވިޔަފާރީގެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ވެސް ދަ ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އިން ވަނީ ގޫގުލް އަށް އަމުރުކޮށްފަ އެވެ. އެ ކޮމިޝަނުން ކުރި ތަހުގީގުގައި ނިންމާފައި ވަނީ އެންޑްރޮއިޑް އޮޕަރޭޓިން ސޮފްޓްވެއާގެ ވެރިފަރާތުން ގޫގުލްގެ އަމިއްލަ ބައެއް އުފެއްދުންތައް އެންޑްރޮއިޑުން ހިންގާ ހުރިހާ ޑިވައިސްތަކެއްގައި އެ ވިއްކާއިރު އިންސްޓޯލްކޮށްފައި ހުންނަ ކަމަށާއި އެ އެޕްލިކޭސަންތަކާ ހެދި ގޫގުލްއަށް ވާދަވެރިންގެ އެޕްލިކޭޝަންތަކަށް ގެއްލުންދެވޭ ކަމަށެވެ. އެހެން ކަމުން ނާއިންސާފު ކުރިއެރުމެއް ގޫގުލް އަށް ލިބިފައިވާ ކަމަށްވަނީ ބުނެފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު އިންޑިޔާގައި 750 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރާއިރު، ކުރިއަށް އޮތްތަނުގައި އިތުރު އެތައް މިލިއަން މީހުން އެންޑުރޮއިޑްގެ އުފެއްދުންތަކާއެކު އިންޓަނެޓް ބޭނުންކުރާނެ ކަމަށާއި އެހެންކަމުން ވާދަވެރިންނަށް ހަމަ ހަމަ ފުރުސަތު އޮންނަން ޖެހޭކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އިންޑިއާއިން އަންނަނީ އެމެރިކާގެ ބޮޑެތި ޓެކޮނޮލޮޖީ ކުންފުނިތަކަށް އިންވެސްޓްކުރުމަށް މަރުހަބާ ކިޔަމުންނެވެ. ފޭސްބުކް، ގޫގުލް، އެމެޒޯން، ނެޓްފްލިކްސް، އަދި އެހެނިހެން ކުންފުނިތަކުން މިހާރު ވަނީ އިންޑިއާގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފަ އެވެ. 2020 ވަަނަ އަހަރުން ފެށިގެން ގޫގުލް ކުންފުނިން އިންޑިޔާގައި އަގުހެޔޮކޮށް އިންޓަނެޓާއި އެހެނިހެން ހިދުމަތް ދިނުމަށް ރާވާފައިވާ ޕްލޭންތަކުގެ ތެރެއިން 10 ބިލިއަން ޑޮލަރުގެ އިންވެސްޓްކޮށް ވިޔަފާރި އަންނަނީ ފުޅާކުރަމުންނެވެ.