ރާއްޖޭގެ އެންމެ ދުވަސްވީ އޮފީސްތަކުގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ކްލަބް ވެމްކޯގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް އަދި ޓީމު ފެނަކަ ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ގަދަ 16 ފޯރިގަދަ މެޗުތައް ރޭ ފަށާފައިވާ އިރު، ޖުމުލަ ކުޅުނީ ހަތަރު މެޗެވެ. އާރްއާރްސީ ކުއާޓާ ޔަގީންކުރީ އެންމެފަހުން އަހަރު ފައިނަލްގައި އެޓީމުން ވާދަކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ބަލިކޮށްފައެވެ. ރޭގެ މެޗު އާރްސީސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިފަހަރު ވަރުގަދަކޮށް މުބާރާތަށް ނުކުތް އާރްސީސީގެ ގޯލުތައް ރޭގެ މެޗުގައި ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް މައިޝާނެވެ. މެޗުގައި އާރްސީސީގެ ގޯލްކީޕަރު މުހައްމަދު ޒުހަލް ރަނގަޅު ސޭވްތަކެއް ކޮށްފައިވާ އިރު، އެފްއެސްއެމްގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.
އާރްސީސީއާއި އެފްއެސްއެމްގެ މެޗު ކުރިއަށް ދިޔަ ވަގުތު އަނެއް ދަނޑުގައި ކުޅުނު ގަދަ 16ގެ މެޗުގައި ވާދަކުރީ ވެމްކޯއާއި އެލައިޑެވެ. އެ މެޗު ފަސޭހަކަމާއެކު ވެމްކޯއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ވެމްކޯގެ ގޯލުތައް ޖަހައިދިނީ ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އައިހަމް އަހުމަދު (އައިހު)ގެ އިތުރުން އީރާންގެ އަލީ ހޮދަދާދީ އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.
ސިފައިން ކުއާޓާއަށް ދިޔައީ 3-0 އިން އެމްއޭސީއެލް ބަލިކޮށްގެންނެވެ. ސިފައިންގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އަލާއުގެ އިތުރުން އަބްދުﷲ ސުޖާއު އަދި އިބްރާހިމް އަހުމަދެވެ.
މުބާރާތުގައި ތަރިންނާއެކު ފެންނަމުންދާ ފެނަކަ ކުއާޓާއަށް ދިޔައީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަސްޓަމްސް ބަލިކޮށްފައެވެ. ފެނަކައިން މޮޅަށް ކުޅުނު އިރު، ގޯލުތައް ޖަހައިދިނީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ފެނަކައިގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އާއި އަޔާޒް އަހުމަދު (އަޔާ)، އައްޒާމް އަބްދުﷲއެވެ. އޭގެ ތެރެއިން އަޔާއާއި އައްޒާމް ވަނީ މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ކްލަބު މޯލްޑިވްސްގެ ގަދަ 16ގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
ކްލަބު މޯލްޑިވްސް ކަޕް
ކްލަބު މޯލްޑިވްސް ކަޕް
ކްލަބު މޯލްޑިވްސް ކަޕް
ކްލަބު މޯލްޑިވްސް ކަޕް