ސްޓީވަން ޖެރާޑު ވަކި ކުރުމަށްފަހު އެސްޓޮން ވިލާއިން އުނައި އެމެރީ އެޓީމުގެ ކޯޗުކަމަށް ގެންދަން ނިންމައިފިއެވެ.

ކުރީގެ އިންގްލެންޑް ކެޕްޓަން ޖެރާޑު، ވިލާގެ ކޯޗުކަމުން ވަކި ކޮށްފައިވަނީ މިދިޔަ ހަފުތާ ކުޅުނު މެޗަށްފަހުއެވެ. ކުރިން ސްކޮޓިޝް ލީގުގެ ރޭންޖާސްއާއެކު އެ ލީގު ހޯދި ޖެރާޑް ވިލާގެ ކޯޗުކަމާ ހަވާލުވެ ހުރީ އެންމެ 11 މަސް ވަންދެންނެވެ. ޖެރާޑާގެ އިރުޝާދުގެ ދަށުން ވިލާއިން ކުޅުނު 40 މެޗުން އެޓީމަށް ހޯދުނީ އެންމެ 12 މޮޅެވެ.

މި ސީޒަނުގެ ފެށުން ވިލާއަށް ގޯސްކޮށް ގޮސްފައިވާ އިރު، ޖެރާޑުގެ ކޯޗުކަމުގައި ކުޅުނު 11 މެޗުން ވިލާއަށް ދެމެޗުން މޮޅުވެގެން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

މިވަގުތު ވިލަރެއާލްގެ ކޯޗުކަމުގައި ހުރި އެމެރީ ވިލާއާ ހަވާލުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ވިލާއިން އެމެރީ ގެންދަނީ ވިލަރެއާލްއަށް އޭނާގެ ބައި އައުޓް ކްލައުސް، 5.2 މިލިއަން ޕައުންޑް ދައްކާފައެވެ. ވިލާއިން ބުނެފައި ވަނީ އެމެރީ ކްލަބާ ހަވާލު ވާނީ ވޯކް ޕާމިޓާއި ވިސާގެ ކަންކަން ހަމަޖެހުމުން ކަމަށެވެ.

އެމެރީއަކީ ޔޫރަޕްގެ ތަޖުރިބާކާރު ކޯޗެކެވެ. ކޯޗިން ކެރިއަރުގައި 900 އަށްވުރެ ގިނަ މެޗުގައި އެމެރީ އިރުޝާދު ދީފައިވާ އިރު، ކުރިން އާސެނަލްގައި އެމެރީ ވަނީ ޔޫރޮޕާ ލީގު ފައިނަލަށް އެ ކްލަބު ގެންގޮސްދީފައެވެ. ސެވިއްޔާއާއެކު އެމެރީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ޕީއެސްޖީއާއެކު އެމެރީ ވަނީ ލީގު ކާމިޔާބު ކޮށްފައެވެ.

އެމެރީ ވިލަރެއާލްއާ ހަވާލުވީ 2020 ވަނަ އަހަރުއެވެ. އެ ކްލަބާއެކު އަނެއް އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި އެމެރީގެ އިރުޝާދުގެ ދަށުން ވިލާއިން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައިވެސްް ކުޅެފައެވެ.