އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝާފިއު ސަސްޕެންޑު ކުރަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

އެމްއެމްސީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފާސްކުރީ، އެމްއެމްސީން އިންތިޒާމްކޮށްގެން އިންޑިއާގެ ދިއްލީއަށް ކުރިގެންދިޔަ ނޫސްވެރިންގެ ތަމްރީން ޕްރޮގްރާމަށް ކުރި ދަތުރުގައި އަދި އޭގެ ފަހުން ވެސް ނޫސްވެރިޔަކަށް ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކަންހިނގައި ދިޔަގޮތާއި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެކައުންސިލްގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރި ކުރުމަށެވެ. އެގޮތަށް ވޯޓް ދެއްވީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން އެމްއެމްސީގައި ޝާފިއު ހަރަކާތްތެރިވާ ދެ ކޮމިޓީއެއް ކަމަށްވާ އިނާމު ކޮމިޓީ އާއި ޝަކުވާ ބަލާ ކޮމިޓީން ވެސް އެކަހެރި ކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި އޭނާއަށް ތުހުމަތުކުރާ މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް ނެގުމަށާއި އެ ކޮމިޓީގެ މަސައްކަތް ހަތް ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ފާސްކޮށްފައިވެއެވެ.

"ވަގުތު" ނޫހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުގެ އަންހެން މުވައްޒަފަށް ޝާފިއު ތަކުރާރުކޮށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށާއި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

"..،އަންހެން މުވައްޒަފަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އެ މުވައްޒަފަށް ތަކުރާރުކޮށް މެސެޖުކޮށް، މުވައްޒަފުގެ ޒާތީ މައުލޫމާތާ ގުޅޭ ގޮތުން ސުވާލުކުރަމުން ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ވަގުތުގެ ބަޔާނުގައިވެއެވެ.

ޝާފިއު، އަންހެން މުވައްޒަފަށް މެސެޖުކުރަން ފެށީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމްއެމްސީން އިންތިޒާމްކޮށްގެން އިންޑިއާގެ ދިއްލީއަށް ކުރި ދަތުރަކަށް ފަހު ކަމަށެވެ. އަދި ޝާފިއުގެ އަމަލުތަކަކީ ޖިންސީ ފުރައްސާ އާއި ގޯނާ ކުރުން މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބަލާއިރު ޖިންސީ ފުރައްސާކުރުމުގެ އަމަލެއް ކަމަށް ވަގުތު ނޫހުން ބުންޏެވެ.

ފުރައްސާރަކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން ޝާފިއު އިއްޔެ "ވަން" އަށް ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް އެ ނޫސްވެރިޔާއާ ދައްކާފައި ނުވާނެ ކަމަށެވެ.

ޝާފިއު އިތުރަށް ވިދާޅުވީ، އޭނާގެ ފަރާތުން އެ ނޫސްވެރިޔާއަށް އެއްވެސް އުނދަގުލެއްވާ ކަމަށް މީގެ ކުރިން ބުނެފައި ނުވާ ކަމަށެވެ.