އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކަމަށް އިންޑިއާ ދަރިކޮޅުގެ ރިޝީ ސުނަކް އިންތިހާބުވެއްޖެއެވެ.
ކޮންޒަވޭޓިވް ޕާޓީން އާ ބޮޑުވަޒީރަކު އިންތިހާބުކުރަން ނިންމާފައި މިވަނީ އެ ޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑު ވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރެއްވުމުންނެވެ.
އިނގިރޭސިވިލާތުގެ ވެރިކަން ކުރަމުންދާ ކޮންޒަވޭޓިޕް ޕާޓީގެ ލީޑަރަކު ކަނޑައެޅުމަށް މިއަދު ވަނީ އެ ޕާޓީގެ 1922 ކޮމިޓީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރެއްވީ ރިޝީ އެކަންޏެވެ.
އެ މަގާމަށް ދެން ވާދަކުރާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ރައީސް ޕެނީ މޯޑައުންޓް އާއި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ. ނަމަވެސް އެ ދެބޭފުޅުން ވަނީ ފަހުން ނަން އަނބުރާ ގެންދަވައިފައެވެ.
މިއަދު ޔޫކޭ ގަޑިން މެންދުރު 2:00 އާ ހަމަޔަށް ލީޑަރުކަން ކަށަވަރުކުރުމަށް 100 ނޮމިނޭޝަން ހަމަކުރުމުގެ މަސައްކަތް ކުރެއްވި އިރު، ވަގުތު ޖެހުމުގެ ކުރިން ރިޝީ ވަނީ 200 އަށްވުރެ ގިނަ މެމްބަރުންގެ ތާއީދު ހޯއްދަވައިފައެވެ.
ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން ވެސް ރިޝީ ވަނީ އެ މަގާމަށް ވަދާކުރައްވައިފައެވެ. ނަމަވެސް އެފަހަރު ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ލިޒް އެވެ. ލިޒް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ލިޒް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާއިރު، އޭނާ ވެގެންދާނީ އެގައުމުގައި އެންމެ ކުރު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ފަރާތަށެވެ.
އުމުރުފުޅުން 42 ގެ ރިޝީ ވެގެން ދާނީ 1803 ވަނަ އަހަރަށްފަހު ބޮޑުވަޒީރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއަށެވެ.
ރިޝީ ސުނަކަކީ ހިންދޫއެކެވެ. އޭނާއަކީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާގެ އަނބިކަނބަލުން އަކްޝަތުރާ މުރުތީ އަކީ އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ނަރަޔާނާ މުރުތީގެ ދަރިއެކެވެ. ރިޝީ ސުނަކް އާއި އަކްޝަތުރާގެ މިލްކިއްޔާތު 730 މިލިއަން ޕައުންޑަށް އަރައެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ފުރަތަމަ ހިންދޫ ބޮޑުވަޒީރެވެ. އިންޑިޔާ ދަރިކޮޅުގެ އިނގިރޭސި ފުރަތަމަ ބޮޑުވަޒީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު