ވ. އަދި ކ. އަތޮޅަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
އެކަމަށްޓަކައި ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއިން ހިދުމަތް ދޭ މާލެ އަތޮޅުގެ ހަތް ރަށުގެ ރަށު ކައުންސިލާއި ވ. އަތޮޅުގެ ފަސް ރަށެއްގެ ރަށު ކައުންސިލާއެކު އެކަމުގެ އެއްބަސްވުބްތަކުގައި ވަނީ ސޮއިކޮށްފައެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ 12 ރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާނީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުންނެވެ. މިހާރު ރަށްރަށުގެ މަގުމަބައްތިތައް މަރާމާތުކޮށް ބަލަހައްޓަމުން އަންނަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފްގެ އިތުރުން އެކުންފުނީގެ ޗެއާމަން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަން އިބްރާހިމް މުހައްމަދު ދީދީ އާއި އެ ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތްތަކުގެ އިތުރުން އެ 12 ރަށުގެ ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނާއި އެ ރަށްރަށުގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯއިން ކަރަންޓު ހިދުމަތްދޭ ކ. ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ހުށަހަޅާފައިވީ ނަމަވެސް ސްޓެލްކޯއަށް ރައްޔިތުން އެދޭ ގޮތަށް އެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އެރަށު ކައުންސިލުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެއެވެ.
އެކަމާ ގުޅިގެން އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން އެންމެ ފުރަތަމަ އުފެއްދި ކުންފުންޏަކީ ސްޓެލްކޯ ކަމަށާއި ކަރަންޓާ ގުޅޭގޮތުން އެ ކުންފުންޏަށް ފޯރުކޮށްނުދެވޭނެ ހިދުމަތެއް، ފޯރުކޮށްދޭނެ އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި ސްޓެލްކޯއާ ހިޔާލު ތަފާތުވުމަކީ ތަފާތު މައްސަލައެއް ކަމަށާއި ކާށިދޫ ކައުންސިލާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަދިވެސް ސްޓެލްކޯ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޔަގީންކަން ދޭނަން ތިބޭފުޅުން ތިހީކުރައްވާ ވަރަށްވުރެ ޕްރޮފެޝަނަލްކޮށް އެފިޝަންޓްކޮށް އިރާދަކުރެއްވިއްޔާ ކާށިދޫގެ މަގުބައްތިވެސް އަޅުގަނޑުމެން ބަލަހައްޓައިދޭނަން،" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނިން އަރިއަތޮޅުގައި ހިދުމަތްދޭ 14 ރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ މިދިޔަ ސެޕްޓެމްބަރުގައި ހަވާލުވެފައެވެ. އެހެންކަމުން ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށުގެ ތެރެއިން 29 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރާނީ އެކުންފުނިންނެވެ.