ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރު ޗާގޯސް މައްސަލައިގައި ނިންމި ނިމުމަކީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް އެނގިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ނިންމަންވާނީވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ކަމަށް ވިދާޅުވެ، ދުވާފަރު ދާއިރާ މެންބަރު އިސްމާއީލް އަހުމަދު ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ރައްދު ދެއްވައިފިއެވެ.
މެންބަރު އިސްމާއީލް ހަސަން ލަތީފަށް ރައްދު ދެއްވީ، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޯޓަކުން ނިންމުމަށް ސަރުކާރުން ތާއީދު ކުރުމާ ގުޅިގެން، އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުވައިލުން ކަމަށާއި، އެއީ މަޖިލީހުގެ ބަހެއް ނެތި ކުރެވިގެންވާނެ ކަމެއްނޫން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައަށް، ހަސަން ލަތީފު ދެއްކެވި ވާހަކާގައި، ޗާގޯސް މައްސަލައިގައި ރައީސް ނަޝީދުގެ ވެރިކަމުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވިކަން ފާހަގަ ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ހަސަން ލަތީފު ވިދާޅުވީ، "އޭރު އޮތް ދިވެހި ސަރުކާރުން 2011 ގައި ރާއްޖޭގެ ރައީސް އާއި މޮރިޝަސްގެ ރައީސާ ދެމެދު މަޝްވަރާ ކުރުމަށްފަހު ވަނީ ޖޮއިންޓް ކޮމިއުކޭއެއް ނެރުއްވައިފަ، އެ ކޮމިއުނިކޭގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް، މޮރިޝަސް އާއި ރާއްޖޭއާ އެކުގައި އިނގިރޭސި ވިލާތާއެކު މަޝްވަރާ ކުރަން، ބޭނުމަކަށް ވެފައި އޮތީ މި ދެގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް ދެ ގައުމުގެ އީއީޒެޑަށް ކަންކަން ކުރަން،" ކަމަށެވެ.
އެއަށްފަހު ޗާގޯސްއާދިމާލުން މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ބަޔާމެދު ދެ ގައުމުން އެރޭންޖުމެންޓްތަކަކަށް އައުމަށް ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެއްބަސްވެފައިވާ ކަމަށާއި، އެކަންތައް ހިންގުމަށް ދެ ގައުމުގެ ދެމެދުގައި ޖޮއިންޓް ކޮމިޝަނެއް އުފެއްދުމަށް އެއްބަސްވެފައި ވާކަމަށްވެސް ވިދާޅުވިއެވެ. އެކަންތައްތަކަށް އޭރު އެއްބަސްވި ނަމަވެސް މަސައްކަތް ފަށައިގަތުމުގެކުރިން "ބަގާވާތަކުން" ވެރިކަން ވައްޓާލީ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އޭރާ ހިލާފަށް އެ މައްސަލައިގައި މި ސަރުކާރުން ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށާއި، ރާއްޖޭން ނަގާފައިވާ ސްޓޭންޑް ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ހަސަންލަތީފު ވިދާޅުވިއެވެ. އަދި މުޅި ދައުލަތަށް އަސަރުފޯރާ ފަދަ ހައްސާސް އަދި ނާޒުކު މައްސަލައެއް، ރައްޔިތުންގެ މަޖިލީހަށް ވަންހަނާ ކޮށްގެން މިކަން ކުރުމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯވެސް ހަސަން ލަތީފު ސުވާލު ކުރެއްވިއެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވުމަކީ، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފުގެ ވާހަކަތަކާ ގުޅިގެން މެންބަރު އިސްމާއީލް ވިދާޅުވީ، އެ ކުއްލި މައްސަލައަކީ ސިޔާސީގޮތުން މަންފާތަކެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެކަން ފާހަގަވާ އެންމެ މުހިއްމު ނުކުތާއަކީ އެ މައްސަލައިގައި ދެ ގައުމުން އިނގިރޭސި ވިލާތާއެކު ވާހަކަ ދައްކަން އެއްބަސްވިކަމަށް ހަސަން ލަފީތް ވިދާޅުވާ ނިންމެވުންކަމަށެވެ. އެކަން ރައީސް ނަޝީދުގެ ވެރިކަމުގައި ކޮށްފައިވަނީ، މަޖިލީހުގެ ރުހުން ހޯދައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމަކީ ސިޔާސީ ކަމެއްކަމަށް ދޭހަވާ އެންމެ ބޮޑު ކަމަކީ އެދުވަހު އެކަން ނިންމީ މަޖިލީހުގައި ވާހަކަ ނުދައްކައި، އޭރުވެސް ދައްކަން ޖެހޭނެ މިއަދުތޯ ވާހަކަ ދައްކަން ޖެހޭނީ،" މެންބަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު