މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ކުރިއަށްގެންދާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގު މުއްދަތު އިތުރުކޮށްފި އެވެ.
އެސްޓީއޯއިން ކުރިއަށްގެންދާ "މަކިޓާ ހެއްޔާ" މުބާރާތަކީ ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ކަނޑައަޅާފައި އޮތް މުއްދަތު ރޭ 22:00 ގައި ވަނީ ހަމަވެފައެވެ. ނަމަވެސް އެސްޓީއޯން ބުނީ އެ މުއްދަތު 30 އޮކްޓޯބަރު 2022ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތަކަށް ވާއިރު އެކުންފުނީގެ މަގުސަދަކީ އެދާއިރާއިން ގިނަ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދީ ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައަށް ނެރެދިނުން ކަމަށެވެ.
ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތަކީ ހެއްޔާ މަކިޓާ ޕްރޮމޯޝަން އާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ރަޖިސްޓޮރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމާއި އެސްޓީއޯ ވެބްސައިޓު sto.mv އިން ޑައުންލޯޑްކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުގެ ކައުންޓަރަށް ހުށަހެޅޭއިރު 7980240 ނަންބަރަށް ވައިބާކޮށްގެންނާއި [email protected] އަށް އީމެއިލް ކޮށްގެންވެސް ހުށަހެޅޭނެއެވެ.
މުބާރާތުގައި ބައިވެރިކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެއެވެ. އެ ވީޑިއޯ އެސްޓީއޯގެ ފޭސްބުކަށް އަޕްލޯޑް ކުރާނީ އެކުންފުނިންނެވެ. ކޮންމެ ބައިވެރިޔަކަށްވެސް އެއް އައިޓަމް ހުށަހެޅޭއިރު، މުބާރާތުގެ ވަނަ ހޮވަން ހަމަޖައްސާފައިވަނީ ޖަޖުންގެ %70 އާއި އާއްމުންގެ %20 އާއި ހުށައަޅާ ވީޑިއޯއަށް %10 ދޭ ގޮތަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި މުބާރާތުގައި ބޭނުންކުރާ ވީޑީއޯތައް މަކިޓާ ބްރޭންޑް އިޝްތިހާރުކުރުމަށް ބޭނުންކުރާނެއެވެ.
މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެ ކަމަށާއި އެހެން ފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ. މި މުބާރާތުގައި އެސްޓީއޯގެ އެއްވެސް މުވައްޒަފަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މުބާރާތުގެ މުއްދަތުގައި އެސްޓީއޯގެ މަކިޓާ ޝޯރޫމުން 30 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.