ޗާގޯސްގެ މިނިވަންކަމާމެދު މޮރިޝަސްއަށް ރާއްޖެއިން ތާއީދުކުރި ނަމަވެސް، އިމުގެ މައްސަލައިގައި ދޫ ނުދޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން މިއަދު ބުނެފިއެެވެ.

އޭޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗާގޯސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުއާހަދާ)ގެ ދަށުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި، މޮރިޝަސްއިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ އެ މައްސަލަ ބެލުމަށެވެ.

ޓްރެބިއުނަލްގެ އެ ނިންމުމާ ގުޅިގެން ދެން ކުރިއަށްގެންގޮސްފައިވަނީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާއެވެ. އޭޖީން ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ރާއްޖެއިން ލިޔުމުން ޖަވާބު ހުށަހަޅާފައިވާނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްގެންދީގެންނެވެ. އެގޮތުން އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުރުމަށް މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައި، އެ ޓީމް މެދުވެރިކޮށް، އެ މައްސަލައިގައި ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް ބުންޏެވެ.

  • މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު (Low Tide Elevation ނުވަތަ LTE) ގައި ފެންނަން އޮތް Blenheim Reef (ބްލެންހެމް ރީފް) އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަގުވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބިގެންދާނެތީ، ސަރަހައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒްކުރުން.
  • ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (CLCS) އަކީ އައުޓާ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ހާއްސަކޮށް، އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓާ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕާޓުން ފަދަ ހާއްސަަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓާ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓާ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިހްތިސޯސް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
  • ރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓާ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމާ ހާލަތުގައިވެސް، އައުޓާ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ natural prolongation އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓާ ކޮންޓިނެންޓަލް ޝެލްފް ހައްގުވެގެން ނުވާކަމަށް ބަޔާންކުރުން.

މި މައްސަލައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތައް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. މިއަދު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުން ކަމަށް މި މައްސަލަ ބައްލަވާ ޓްރައިބިއުނަލްގެ ސެޕެޝަލް ޗެމްބަރުގެ ފަރާތުން ބުނެފައިވެއެވެ.

މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް އާންމު އުސޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއަޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ.

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވެއެވެ. އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް އޭޖީން ބުންޏެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށްވެސް ބުންޏެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޯސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޯސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މި އައިސީޖޭ އޮޕީނިއަންއާ ގުޅިގެން ހަ މަސްދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއްވެސް 22 މެއި 2019 ގައި ފާސްކޮށްފައިވެއެވެ. އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ގައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް)އަށް 26 ޖުލައި 2010ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް، 24 މާޗު 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީއެވެ.

ނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު ރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެކެވެ. އަދި ގނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ.

އޭޖީން ބުނެފައިވާ ގޮތުގައި ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު، އައިސީޖޭ ގެ ނިންމުން ތަންފީޒުކޮށް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.