ރީތި ބީޗް ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަން އިއުލާނުކޮށްފި އެވެ.

ރީތި ބީޗް ރިސޯޓު ހިންގަމުން އަންނަ ސިންގަޕޫރުގެ އެސްސީ ކެޕިޓަލް ޕާޓްނާސް އިން އެރިސޯޓު ވިއްކާލުމުގެ ކަންތައްތައް އެމެރިކާގެ މަޝްހޫރު ރިއަލްސްޓޭޓް ކުންފުންޏެއް ކަމަށްވާ ސީބީއާރްއީ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. ސީބީއާރްއީ އިން މިހާރު ވަނީ އެރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

ސީބީއާރުއީން ބުނެފައިވާގޮތުން އެ ރިސޯޓަކީ އޭޝިއާ ޕެސިފިކްގެ އެންމެ މަތީ ރޭޓް ލިބޭ ފަތުރުވެރިކަމުގެ ބާޒާރު ކަމަށްވާ ރާއްޖޭގެ ބާޒާރުގައި އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ ބ އަތޮޅުން މިހާރުގެ އުފެއްދުން ކުރިއެރުވުމަށް އިންވެސްޓަރުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެރަށް ގަންނަ ފަރާތަކަށް އަކަމީޓަރުގެ އިތުރު ވަސީލަތްތައް ގާއިމްކޮށް ތަރައްގީކުރުމަށް އިތުރު 13،000 އަކަމީޓަރުގެ ޖާގަ އެރަށުގައި އެބައޮތް ކަމަށް ބުނެފައިވެ އެވެ.

މިހާރު އޮތް ގޮތުން ޑައިރެކްޓް ލީސްގެ މުއްދަތު ހަމަވާނީ 2047 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންވެސްޓަރު ބޭނުން ނަމަ ލީސް މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ސީބީއާރުއީން ބުންޏެވެ.

ރީތި ބީޗް ހިންގާ ފޮނިމަގޫދޫ އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ސިންގަޕޫރަށް މިފަހުން ކަނޑައެޅި ދިވެހި ސަފީރު އަހުމަދު ތަސްމީން އަލީގެ އާއިލީ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއް ނުދައްކައިގެން އެ ލޯނަށް ރަހުނުކޮށްފައިވާ ދެ ރަށް ވިއްކާލަން އެ ބޭންކުން 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ނީލަމުގައި އެސްސީ ކެޕިޓަލް އިން 39 މިލިއަން ޑޮލަރަށް ގަނެފައިވާ ރަށެކެވެ.

އޭރު ރީތި ބީޗް ހިންގަމުން ދިޔައީ އިންޑިއާގެ އިންވެސްޓަރުންގެ ގްރޫޕެއް ހިމެނޭ މެހޯގަނީ ކުންފުންޏަކުންނެވެ. ނަމަވެސް މެހޯގަނީއާ އެކު ހަދާފައިވާ ސަބްލީސް އެގްރީމެންޓްގެ މުއްދަތު 2020 ވަނަ އަހަރު ހަމަވެފައިވާއިރު، އެ އެއްބަސްވުން އާކޮށްފައެއް ނުވެ އެވެ. މިވަގުތު އެތަން ހިންގަނީ އެސްސީ ކެޕިޓަލުން އަމިއްލައަށެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން 2016 ވަނަ އަހަރު އެސްސީ ކެޕިޓަލުން ވަނީ ލ. މިހާރު ފެއާމައުންޓް މޯލްޑިވްސް ސިއްރު ފެން ފުށީ ރިސޯޓް އޮންނަ ށ. ގާކޮށިބީވެސް ގަނެފައެވެ.