އިބްރާހީމް އަމީރު

އަމީރު: މިވަގުތު އެތެރެއިން އާމްދަނީ އިތުރު ނުކޮށްފިނަމަ އިގްތިސާދު ފަހަތަށްދާނެ، ޓެކްސްބިލު ފާސްކޮށްދެއްްވާ!

އިބްރާހިމް ޒަކީ

1

ރާއްޖޭގެ އިގްތިސާދު ފަހަތަށް ހިނގައިދާނެކަމަށް ވިދާޅުވެ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ މައްސަލައިގައި މަޖިލީހުގެ ގިނަ މެންބަރުންތަކެއް ކަންބޮޑުވުން ފާޅު ކުރައްވައި މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެއިރަަކު އަޅަންޖެހޭ އިގްތިސާދީ ކޮންމެ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށާއި ސަރުކާރުން އަންނަނީ އެގޮތަށް މަސައްކަތް ކުރަމުން ކަމަށެވެ.

"މިސާލަކަށް އޭރު ކޮވިޑާއެއްކޮށް ކުރަން ޖެހުނު މަސައްކަތްތައްވެސް ކުރިން، އޭރު ޖެހުނީ ހަރަދުތައް އިތުރުކޮށް، މާކެޓަށް ޕަމްޕް ކުރުމުގެ މަސައްކަތްތަކެއް ކުރަން، ވިޔަފާރިތައް ބަނގުރޫޓު ނުވެ ވިޔަފާރިތައް ކުރިއަރާ ދާނެ މަގުތައް ހޯދައިދިނުމަށް، އަދި އިންޑިވިޖުއަލް ރައްޔިތުންނަށް ވަޒީފާ ނުގެއްލި ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލައަކީ، "ޔޫކޭ އާއި ޔޫރަޕިއަން ޔޫނިއަންގައި، ކޮސްޓް އޮފް ލިވިން ކްރައިސިސްއާއެކު، އަދި އެމެރިކާގައިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިންފްލޭޝަނަރީ ޕްރެޝަރުތަކާއެކު އިންޓްރެސްޓް ރޭޓްވެސް ބޮޑުވާތަން، އެއާ އެއްކޮށް އަޅުގަނޑުމެންނަށް ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމުގައި މިހާރު ވަނީ ގާތްގަނޑަކަށް ހަމަ ވަރަށްގިނަ ދޮރުތައް ބަންދުވެފައި،" ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަމަ ރަނގަޅަށް ކުރިއަރަމުން އަންނަ ކަމަށެވެ. އެގޮތުން "2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 41.6 ޕަސެންޓް ކުރިއަރައި މިއަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ހަރަދުތައް ބޮޑޫވަމުންދާ ކަމަށާއި، ރަށްތަކުގައި ބޭސިކް އިންފްރާންސްޓްރަކްޗާ ގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެތެރެއިން އާމްދަނީ ލިބޭނެ ކަންތައްތަކެއް މިވަގުތު ކުރިއަށް ގެންދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނޫންނަމަ ޖެހޭނީ މިހާރު ހިންގާ ޕްރޮޖެކްތްތައް ހުއްޓާލަން ކަމަށާއި އެހެން ވެއްޖެނަމަ ރާއްޖޭގެ އިގުތިސާދު ދާނީ ފަހަތަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެތެރެއިން އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަކީ މިވަގުތު އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް، އެހެން ނޫނިއްޔާ ޖެހޭނީ މިހާރު މި ކުރަމުންދާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ވަރަށް ގިނަ ކަންތައް ހުޓާލަން، އެގޮތަށް ހުއްޓާލީމާ ދެން ދިމާވާ ކަމަކީ މިހާރު އިގްތިސާދު ކުރިއަމުން މިދާ މިންވަރު އިތުރަށް ދަށްވެގެންދާނެ، އެހެންކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިހާރު އޮތް ޖީއެސްޓީ ޓީޖީއެސްޓީ ބިލު އަޅުގަނޑުމެން ހުށަހަޅާފައިވާ ގޮތަށް މަޖިލިސް މެންބަރުން ވިސްނަވައިފަ ފާސްކޮށްދެއްވުން،" އަމީރު ވިދާޅުވިއެވެ.