މާލޭގައި ކުރިއަށް ގެންދިޔަ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ ފިރިހެން ޑިވިޝަން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ލުއިސް އެންރީކޭ ޕެނަލްވާ ހޯދި އިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން އިންޑިއާގެ އާކަރްޝީ ކަޝިޔަޕް ހޯދައިފިއެވެ.
ރާއްޖޭގައި މިމަހުގެ 18 ވަނަ ދުވަހު ފެށި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ ކޮވިޑް 19 އަށްފަހު ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަކީ މީގެ ކުރިންވެސް ރާއްޖޭގައި އެކި ފަހަރު މަތިން ހޯސްޓް ކޮށްފައިވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ގާތްގަނޑަކަށް 28 ގައުމެއްގެ 200 އެތުލީޓުން ވާދަކުރާ އިރު، ރާއްޖޭގެ 30 އަކަށް ކުޅުންތެރިން އެކިއެކި އިވެންޓްތަކުގައި ވާދަކުރިއެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ނަތީޖާތަކަށް ބަލާލާ އިރު، އެންމެ ބޮޑު ކާމިޔާބީއަކަށް ހޯދުނީ ދެވަނަ ބުރުގެ ޖާގަތަކެވެ. އިއްޔެ ނިމުނު މުބާރާތަކީ ދުނިޔޭ ބެޑްމިންޓަންގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ މުބާރާތަކަށްވުމާއެކު، އެ ނަތީޖާތައްވެސް އެއީ ދިވެހި ކުޅުންތެރިންނަށް މުހިއްމު ތަޖުރިބާއެކެވެ. އައިއޯއައިޖީގެ ބެޑްމިންޓަނުން ރަން މެޑަލް ދިވެހި ޓީމު މީގެ ކުރިން ގެނެސްދީފައިވާ އިރު، އިއްޔެ ނިމިގެން ދިޔަ ފަދަ މުބާރާތްތަކުގެ ސަބަބުން އަންނަ އަހަރުގެ ގޭމްސްއަށް ތައްޔާރުވާންވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްދިޔަ މިކްސް ޑަބަލްސް ފައިނަލުގައި އިންޑިއާ ރޯހަން ކަޕޫރް އާއި ރެޑީ ސިކީގެ ޕެއާ ބައްދަލުކުރީ އަލްޖީރިއާގެ ކޮޝެއީލާ މަމޭރީ އާއި ތަނީނާ ވިއޮލެޓް މަމޭރީގެ ޕެއާއެވެވެ. ރޯހަން އާއި ރެޑީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-18 އިންނެވެ.
ފިރިހެން ސިންގަލްސް ފައިނަލް އެންރީކޭ ކާމިޔާބުކުރީ އިޒްރޭލުގެ މިޝާ ޒިލްބާމަންއާ ބައްދަލުކޮށްގެންނެވެ. އިޒްރޭލުގެ މިޝާއަކީ އެއްވަނައަށް ސީޑު ކޮށްފައިވާ ކުޅުންތެރިޔާކަމުން އެންރީކޭ ފައިނަލް ގެންދިޔައީ ޗެލެންޖިން ކުޅުމަކަށް ފަހުއެވެ. ދެވަނައަށް ސީޑް ކޮށްފައިވާ އެންރީކޭ ފައިނަލް ގެންދިޔައީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 07-21 އިން އެންރީކޭ ގެންދިޔަ ނަމަވެސް ދެން ކުޅުނު ސެޓު 21-11 އިން ގެންގޮސް މިޝާ ވަނީ މެޗު ހަމަހަމަ ކޮށްފައެވެ. އެއަށްފަހު ދެން ކުޅުނު ސެޓު، 18-21 އިން ގެންގޮސް އެންރީކޭ ޗެމްޕިއަންކަން ޔަގީންކުރިއެވެ.
އަންހެން ސިންގަލްސްގެ އެއްވަނައަށް ސީޑު ކޮށްފައިވާ އިންޑިއާގެ އާކަރްޝީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އިރާ ޝަރްމާ އަތުން 24-22، 21-12 އިން މޮޅުވެގެންނެވެ. އަންހެން ޑަބަލްސް ފައިނަލުގައި ކުޅުނީ ޖަޕާނުގެ ދެ ޕެއާއެވެ. ފައިނަލުގައި ޖަޕާނުގެ ޗިސާޓޯ ހޯސީ އާއި މިޔޫ ޓަކަހާޝީގެ ޕެއާ މޮޅުވީ، 21-16، 21-15 އިން އެގައުމުގެ ކަހޯ އޮސާވާ އާއި ކައޯރޫ ސުގިޔާމާގެ ޕެއާ ބަލިކޮށްފައެވެ.
ފިރިހެން ޑަބަލްސް ބައިގައި އިންޑިއާގެ ރޯހަން ކަޕޫރާއި ރެޑީ ސުމީތުގެ ޕެއާއިން ވަނީ 2-1 ސެޓުން ތައިލެންޑްގެ ޗަލޮއެމްފޯނާއި ނަންތަކާންގެ ޕެއާ ބަލިކޮށްފައެވެ. ޗަލޮއެމްފޯނާއި ނަންތަކާންގެ ޕެއާއިން ފުރަތަމަ ސެޓު، 21-23 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ދެ ސެޓު އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-19، 21-17 އިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް