ޖިނާއީ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ކުޑަކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ ފަދަ މައްސަލަތަކުގައި އެކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތްކުރެވޭނެ ގޮތްތައް އިހުތިޔާރުކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ކޯޓުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ ވަނީ، ރ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތުގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރު ތަކްރީމް ކުރައްވާފައިވާ ރިޓަޔާޑް މެޖިސްޓްރޭޓުންގެ ޝަރަފުގެ މުގުރާއި މެޑެލް ވަނީ ހަވާލުކޮށްފައެވެ. އަދި ގިނަ ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވައި ރިޓަޔާކުރައްވާފައިވާ މުވައްޒަފަކަށް ޝަރަފުގެ ފިލާ ވަނީ އަރުވައިފައެވެ.