މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރަކު "ވަގުތު" ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށްފިއެވެ.

"ވަގުތު" ނޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުގެ އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެމްއެމްސީގެ މެމްބަރު މުހައްމަދު ޝާފިއު ކަމަށެވެ.

އެ ނޫހުން ވަނީ ޝާފިއު ތަކުރާރުކޮށް ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށްފައެވެ. އެ ނޫހުން މިއަދު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ.

"..،އަންހެން މުވައްޒަފަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް، އެ މުވައްޒަފަށް ތަކުރާރުކޮށް މެސެޖުކޮށް، މުވައްޒަފުގެ ޒާތީ މައުލޫމާތާ ގުޅޭ ގޮތުން ސުވާލުކުރަމުން ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ވަގުތުގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ޝާފިއު، އަންހެން މުވައްޒަފަށް މެސެޖުކުރަން ފެށީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމްއެމްސީން އިންތިޒާމްކޮށްގެން އިންޑިއާގެ ދިއްލީއަށް ކުރި ދަތުރަކަށް ފަހު ކަމަށެވެ. އަދި ޝާފިއުގެ އަމަލުތަކަކީ ޖިންސީ ފުރައްސާ އާއި ގޯނާ ކުރުން މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބަލާއިރު ޖިންސީ ފުރައްސާކުރުމުގެ އަމަލެއް ކަމަށް ބުންޏެވެ.

ވަގުތު ނޫހުން ވަނީ ޝާފިއު މަގާމުން އިސްތިއުފާ ދެއްވަން ގޮވާލައިފައެވެ. އަދި އޭނާ އިސްތިއުފާ ނުދެއްވައިފިނަމަ އެމްއެމްސީގެ މެމްބަރުކަމުން އޭނާ ވަކިކުރަން ވެސް ވަނީ ގޮވާލައިފައެވެ.

ފުރައްސާރަކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން ޝާފިއު "ވަން" އަށް މިއަދު ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް އެ ނޫސްވެރިޔާއާ ދައްކާފައި ނުވާނެ ކަމަށެވެ.

"މިކަމުގައި ގާނޫނީ ލަފާ ހޯދަމުން މިދަނީ. އެ ތުހުމަތުކުރާ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" ޝާފިއު ވިދާޅުވިއެވެ.

ޝާފިއު އިތުރަށް ވިދާޅުވީ، އޭނާގެ ފަރާތުން އެ ނޫސްވެރިޔާއަށް އެއްވެސް އުނދަގުލެއްވާ ކަމަށް މީގެ ކުރިން ބުނެފައި ނުވާ ކަމަށެވެ.