ޗާގޮސް މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް ޗާގޮސް މޮރިޝަސްއަށް ދޫކޮށްލަން ޖެހޭ ކަމަށް ބުނެ, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރެފައިވާ ލަފާ ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރުވެސް ރާއްޖެއިން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް 116 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ފާސްވީ މޮރިޝަސްއާ އެއްކޮޅަށެވެ.
މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން ސަބަބެއް ކަމަށް ސަރުކާރުން އޭރު ބުނީ, ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް, ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެތީއެވެ.
މޮރިޝަސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ, ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖެއިން އދ.ގައި ވޯޓު ދޭން އެއްބަސްވެފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވުމުން ރާއްޖޭގެ އިމުން ބައެއް މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ އެކަމާ ދެކޮޅަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެކަން ވެފައި އޮތް ގޮތް އިތުރަށް ސާފުކޮށްދެއްވަމުން މިއުވާން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ.
އެގޮތުން ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން ރާއްޖެ ފަދައިން އެކަމަށް އދ. ގެ ގިނަ ގައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައި ކަމަށް މިއުވާން ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލާގައި އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ, އެ މައްސަލައިގެ އިތުރު ތަފުސީލު މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން އޭޖީ އޮފީހުން ހާމަކުރާނެ ކަމަށެވެ.