އިލެކްޝަންސް ކޮމިޝަން (އީސީ) މެދުވެރިވެގެން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އޮބްޒާވަރެއް، މޮނީޓަރެއް ނުވަތަ ކެންޑިޑޭޓެއްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް އިންތިހާބީ ކުށެއް ކޮށްފައިވާނަމަ، ހުއްދަ ނުދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ ނުވަތަ ކަނޑައަޅާ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އީސީން ފަހިކޮށްދޭން ޖެހޭނެއެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން.

ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުން.

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.

އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ނުވުން.

ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

އެ އިންތިހާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ދިވެހި ފުލުހެއް ކަމުގައި ނުވަތަ ސިފައިންގެ މީހެއް ކަމުގައި ނުވުން.

އިންތިހާބުތަކާ ބެހޭ އާއްމު ގަވައިދުގެ 29 ވަނަ މާއްދާއަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައިވާ ގޮތުގައި، އެ ގަވައިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވި ނަމަވެސް، އެ މީހަކީ އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިހާބުގައި އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިހާބުގައި އޮބްޒާވަރެއް، މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.