ވޯލްޑްކަޕް ފެށެން ދެންއޮތީ އެއްމަހަށްވުރެ ކުރު މުއްދަތެކެވެ. ދުނިޔޭގެ އެންމެ ގިނަބަޔަކު އެ މުބާރާތަކަށް އިންތިޒާރުކުރާ ފީފާ ވޯލްޑްކަޕް ކުރިއަށްއޮތް ނޮވެމްބަރު މަހުގެ ވިހިވަނަ ދުވަހު ފެށެނީއެވެ. މިއަހަރުގެ ވޯލްޑްކަޕް ބާއްވަނީ މީގެކުރިން ވޯލްޑްކަޕް ބާއްވަމުން އައި ތަރުތީބާއި ހަމަތަކާ ޚިލާފުގޮތަކަށެވެ. ވޯލްޑްކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުގެ ހޫނު މޫސުމުގައި ބާއްވަމުން އައި މުބާރާތެކެވެ. ވޯލްޑްކަޕްގެ ދުވަސްވަރަކީ ޖޫންމަހާއި ޖުލައި މަހެވެ. އެހެންނަމަވެސް މިފަހަރު ނޮވެމްބަރު ޑިސެމްބަރުގައެވެ. މި ވޯލްޑްކަޕަކީ ފިނި މޫސުމާ ދިމާކޮށް ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. މިކަން މިގޮތަށް ނިންމުމުގެ ސަބަބަކީ ގަތަރުގެ މޫސުމެވެ. ހޫނު މޫސުމުގައި މާބޮޑަށްވެސް ހޫނީއެވެ. ކުޅުންތެރިންގެ ސިއްހަތަށް ނޭދެވޭ އަސަރުފޯރާވަރަށެވެ. އެހެންވީމާ ފިނި މޫސުމުގައި ބާއްވަން މަޖުބޫރުވެސްވީއެވެ.
ފިނި މޫސުމުގައި ވޯލްޑްކަޕް ބޭއްވުމުގެ މާނައަކީ ޔޫރަޕުގެ ލީގުތައް މި މުބާރާތަށްޓަކައި މެދުކަނޑާލަން ޖެހުމެވެ. ގާތްގަޑަކަށް މަހެއް، ދޮޅުމަހެއްހައި ދުވަހަށެވެ. ލީގުގެ މެދުތެރެއިން އެހާ ދިގު މުއްދަތަކަށް ލީގު މެދުކަނޑައިލުމަކީ ހުރިހާ ކުލަބަކުންވެސް ދެކޮޅު ކަމެކެވެ. މިކަމުގެ ނޭދެވޭ އަސަރު މުޅި ލީގަށާއި ހުރިހާ ކުލަބުތަކަށްވެސް ކުރާނޭ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ލީގުގެ މެދުތެރެެއިން ކުޅުން މެދުކަނޑައިލުމަކީ ކުޅުންތެރިންނަށް ފައިދާކުރާނެ ކަމެކެވެ. ޖުމްލަގޮތެއްގައި އޭގެ ހެޔޮ އަސަރު ވޯލްޑްކަޕުންވެސް ފެނިގެންދާނެ ކަމެކެވެ. މިގޮތަށް ގަބޫލުކުރަނީ ތަޖުރިބާކާރުންގެ ތެރެއިން ކޮންބައެއް ބާވައެވެ. އެމީހުން މިގޮތަށް ގަބޫލުކުރުމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިބާވައެވެ.
ވޯލްޑްކަޕް ބޭއްވުމަށްޓަކައި ސީޒަނުގެ މެދުތެރެއިން ކުޅުން މެދުކަނޑައިލުމަކީ ވަރަށް ހެޔޮ ބަދަލެއްކަމަށް، އަދި އޭގެ ހެޔޮ އަސަރު ވޯލްޑްކަޕަށް ކުރާނެ ކަމަށް ބުނާ މީހުންގެ ތެރެއިން އެކަކީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމެވެ. ބެކަމަކީ ގަތަރު 2022 ގެ އެމްބެސެޑަރުވެސްމެއެވެ. އޭނާ ބުނާގޮތުގައި މިބަދަލުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭނީ ހައްތާވެސް އެޑްވާންޓޭޖެވެ. ފައިދާއެވެ. ބެކަމް ބުންޏެވެ. ޖޫންޖުލައި މަހު ވޯލްޑްކަޕް ބާއްވަމުން އައީ ދެ ސީޒަނުގެ ދޭތެރެއިންނެވެ. އޮފްސީޒަނުގައެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ވޯލްޑްކަޕަށް ދަނީ ނިމިގެންދިޔަ ސީޒަނުގައި ފަންސާހަށްވުރެ ގިނަ މެޗު ކުޅެފައެވެ. އިންތިހާ ދަރަޖައިގެ ވަރުބަލިކަމުގައެވެ. އެހެންވީމާ ބައެއް ކުޅުންތެރިންނަށް އެމީހުންގެ އަސްލު ފެންވަރު ނުދެއްކެއެވެ. އަނިޔާވުންވެސް އަވަހެވެ.
ބެކަމް ގަބޫލުކުރާ ގޮތުގައި ސީޒަނުގެ މެދުތެރެއިން ވޯލްޑްކަޕް ފެށީމާ ވަރުބަލިވުމުގެ މައްސަލަ ކުރިމައްޗެއް ނުވާނެއެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ވޯލްޑްކަޕަށް އަންނައިރު ގިނަވެގެން ކުޅެފައިވާނީ ފަންސަވީހަކަށް މެޗެވެ. އެހެންވީމާ އެންމެންވެސް ތިބޭނީ ތާޒާކަންމަތީގައެވެ. ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުންވެސް އެންމެ މަތީ ގިޔަރުގައެވެ. ހަރުފަތުގައެވެ. އެހެންވީމާ މީގެ ކުރީގެ ވޯލްޑްކަޕުން ފެނިފައިނުވާ މިންވަރުގެ ކޮލިޓީ ކުޅުން މިފަހަރު ފެންނާނެއެވެ. ކުޅުންތެރިން ކުރާ މަސައްކަތްވެސް އާ އުސްމިނަކަށް އުފުލިގެންދާނެއެވެ. މިއީ ވަރުގަދަ ސީޒަނަކަށްފަހު ކުޅުންތެރިން ވަރުބަލިވެފައި ތިއްބައި ވޯލްޑްކަޕް ފެށުމުގެ ބަދަލުގައި ސީޒަނުގެ މެދުތެރެއިން ވޯލްޑްކަޕް ކުޅުނީމާ ލިބޭނޭ އެޑްވާންޓޭޖް ކަމަށްވެސް ޑޭވިޑް ބެކަމް ގަބޫލުކުރެއެވެ.
ނޮވެމްބަރު ޑިސެމްބަރުގެ ތެރޭގައި ގަތަރުގައި ކުރިއަށްދާނީ ހަމައެކަނި ވޯލްޑްކަޕެއް ނޫނެވެ. މެޗުތައް ބަލަން ގަތަރަށް އެތެރެވާ ދޮޅު މިލިޔަން މީހުންނަށްޓަކައި އަދިވެސް އެތައް އެތައް ކަމެއް ވަނީ އިންތިޒާމް ކުރެވިފައެވެ. އޭގެތެރޭގައި މިއުޒިކް ފެސްޓިވަލްތަކާއި ކުރެހުމުގެ މައުރަޒުތަކާއި ސަތާފަތާއި ތާރީޚާއި ބެހޭ މައުރަޒުތައްވެސް ހިމެނެއެވެ. ގަތަރަށް އެތެރެވާ މީހުންނަށްޓަކައި މުނިފޫހިފިލުވުމުގެ ތަފާތު ކަންކަން އިންތިޒާމް ކުރެވޭއިރު ރަލުގެ އިސްތިއުމާލުކުރުން ވަކި އިމެއްގެ ތެރޭގައި ހުއްދަކުރެވޭނެއެވެ. އެހެންނަމަވެސް އާއްމުތަންތަނުގައި ދެޖިންސުގެ ޒުވާނުން މާބޮޑަށް ގައިގޯޅިވުން މަނާވާނެއެވެ. ހަށިވިއްކުން މަނާވާނެއެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގަތަރުގެ އިތުރަށް ތުރުކީވިލާތާއި ޕާކިސްތާނުގެ އޮފިސަރުންވެސް ހަރަކާތްތެރިވާނެއެވެ.
ކޮންމެ ވޯލްޑްކަޕެއްގައިވެސް ޓެކްނޮލޮޖީއާ ގުޅުންހުރި އައު ކޮންމެވެސް ކަމެއް ތައާރަފު ކުރެވެއެވެ. އައު ކަންކަން ތައާރަފުކުރާނޭ ކަމަށް ފުޓްބޯޅަ ފޭނުން އުންމީދުކޮށްގެން އެކަމަށް އިންތިޒާރުވެސް ކުރެއެވެ. އެގޮތުން މިފަހަރު ގަތަރު ވޯލްޑްކަޕުގައިވެސް ޓެކްނޮލޮޖީއާ ގުޅުންހުރި އައުކަމެއް ދެކަމެއްވަރު ތައާރަފުވެގެންދާނެއެވެ. އެކައްޗަކީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޑިޓެކްޝަން ސިސްޓަމެވެ. މިއީ ދާދިފަހުން ދުބާއީގައި ކުޅެވުނު ފީފާ ކުލަބް ވޯލްޑްކަޕާއި ގަތަރުގައި ކުޅެވުނު އަރަބް ކަޕުގައި ބޭނުންކޮށް ފީފާއިން އަޖުމަ ބަލައިފައިވާ ސިސްޓަމެކެވެ. އޮފްސައިޑާއި ގުޅޭ ނިންމުންތައް ރެފްރީ ނިންމީމާ ސްޓޭޑިއަމްގައިވާ ސްކްރީންތަކުން އޭގެ ތަފްސީލު އެނގޭނޭ މަންޒަރުވެސް ދައްކާނެއެވެ. މިކަމަށްޓަކައި ކޮންމެ ސްޓޭޑިއަމެއްގައިވެސް މަދުވެގެން އިތުރު ބާރަ ކެމެރާ ހުންނާނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022