ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކަނޑައަޅައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ހުންނެވުމުގެ ޝަރުތު ހަމަނުވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަން (އީސީޕީ)ގެ އިއްތިފާގުން ނިންމައިފިއެވެ.

މި މައްސަލައަކީ ބޭރުގެ އިއްޒަތްތެރިން ދިން ހަދިޔާތަކެއް އިމްރާން ބައްލަވައިގަތް ކަމަށް ބުނެ މިދިޔަ އޯގަސްޓް މަހު ޕާކިސްތާނު މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން)ގެ މެމްބަރަކު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ އިލެކްޝަނުން ކަނޑައެޅީ މިދިޔަ ހުކުރު ދުވަހުއެވެ.

އިމްރާން ނިސްބަތްވާ ޕާޓީ، ޕާކިސްތާން ތަހްރީކޭ (ޕީޓީއައި) އިން ވަނީ އިލެކްޝަންގެ އެ ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެ ސަޕޯޓަރުން ވަގުތުން މަގުތަކަށް ނުކުތުމަށް ގޮވާލައިފައެވެ.

ޕީޓީއައިގެ ގާނޫނީ ޓީމުގައި ހިމެނޭ ފައިސަލް ފަރީދު ޗައުދަރީ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިލެކްޝަންގެ އެ ނިންމުން އިސްލާމްއާބާދުގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ކުރިން ތަފުސީލީ ނިންމުމެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ. އަދި އެ ކޮމިޝަނަށް އެފަދަ ނިންމުމެއް ނިންމުމުގެ އިހުތިޔާރު އޮތްތޯ ސުވާލު އުފައްދަން ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި ނިންމުން ނެރުމުގައި އެ ބޭފުޅުންގެ އިހުތިސާސް، އެބޭފުޅުންގެ މެންޑޭޓަށް ގޮންޖަހާނަން،" އޭނާ ވިދާޅުވިއެވެ.

ޗައުދަރީ އިތުރަށް ވިދާޅުވީ، އިލެކްޝަންގެ އެ ނިންމުމަކީ ޕާކިސްތާނުގެ ރައްޔިތުންނަށް "ލަދުވެތި" ނިންމުމެއް ކަމަށާއި އެ ނިންމުމަކީ އިމްރާނަށް ދިން ހަމަލާއެއްގެ އިތުރުން އެ ގައުމުގެ ގާނޫނުއަސާސީއަށާއި އެގައުމުގެ ރައްޔިތުންނަށްވެސް ދިން ހަމަލާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކުރެއްވި އިމްރާން ވަނީ ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަންގެ ވެރިޔާ ސިކަންދަރު ސުލްތާން ރާޖާ، އޭނާއާއި އޭނާގެ ޕާޓީއާމެދު ތަފާތުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ސަރުކާރު ވައްޓާލުމުން، މުޅި ޕާކިސްތާނުގައި އެއްވުންތައް ބާއްވައި އަވަސް އިންތިހާބަކަށް ދިއުމަށް އިމްރާން ގޮވާލަމުންދާއިރު، ޖުލައި އަދި އޮކްޓޯބަރު މަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އޭނާގެ ޕާޓީއަށް ވަނީ ބޮޑު ތާއީދެއް ލިބިފައިވެއެވެ.