(04 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ފަރަހައާއި ޝިވަންގެ އެކުވެރިކަމަކީ ރަށުގެ ގިނަމީހުންވެސް އަދި ސުކޫލުގެ ހުރިހާ ކުދިންވެސް ދެކޭ ގޮތުގައި ގާތްރަހްމަތްތެރިކަމަށްވުރެ މާބޮޑު ގުޅުމެކެވެ. ބައެއް ފަހަރު ރައްޓެހި ކުދިންގެ ދިމާކުރުމާއި އަޅުވައިކިޔުމަށް ރައްދު ޖަވާބު ދިންނަމަވެސް މާގިނައިން އެއްވާހަކައެއް ދެއްކުމަށް ފޫހިވާތީ ގިނަފަހަރު ފަރަހަ، ޝިވަންއާއި އޭނާގެ ގުޅުމުގެ މާބޮޑު ތައާރަފަކަށް ދިއުމުގެ ބަދަލުގައި "ހޫނ"އަކުން ނޫނީ"އާނދޯ"އަކުން ނުވަތަ އެފަދަ ކޮންމެވެސް ކުރު ބަހަކުންނިންމާލައެވެ.
ޝިވަންއަކީ ލާނެތް މިޒާޖަކާއި ސަމާސާ، ސަކަ ބަހުރުވައެއް ހުންނަ ޒުވާނަކަށްވާތީ އެއްގޮތަކަށްވެސް ބަޔަކު ކިޔާ އެއްޗަކަށް ރައްދު ޖަވާބު ދީ، އޮޅުންފިލުވައިދީ ކަމުގެ ހަގީގަތް ބުނެދިނުން މާމުހިންމު ކަމެއްކަމަކަށް ނުދެކެއެވެ. އެހެންކަމުން ވަރަށް ގިނަ މީހުންނަށް ފަރަހައާއި ޝިވަން ފާހަގަ ކުރެވިފައި އޮންނަނީ މާކުޑައިރުއްސުރެ މުސްތަގުބަލަށް ހަމަޖެހި ނިމިފައި ތިބި ދެބައިވެރިންގެ ގޮތުގައެވެ.
މިއީ އެދެކުދިންނަށް ނޭނގުނު ކަމުގައިވިޔަސް ނުވަތަ އެދެކުދިންގެ ސިކުނޑިއާއި ހިތުގައި އެފަދަ އެއްވެސް ހިޔާލެއް އަދި ނެތްކަމުގައިވިޔަސް ދެއާއިލާގެ ދެމެދުގައި މާކުރިއްސުރެ ހަމަޖެހި ނިމިފައި އޮތް ކަމެކެވެ. މާކުރިއްސުރެ މިދެކުދިން އަދި ދުނިޔެއަށް ނާންނަނީއްސުރެވެސް ދެއާއިލާގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ މުދާ އެތެރެކުރުމާއި ވިޔަފާރި ހިންގުމުގެ ހިއްސާދާރުކަމުގެ ގުޅުމުގެ ތެރެއިން ދެވައްތަރުގެ ދެކުދިން އާއިލާއަށް އަތުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން ވިޔަފާރީގެ ގުޅުން، އާއިލީ ތިމާގެ ގުޅުމަކަށް ވެދާނެކަމުގެ ވާހަކަ އޮތީ ދެކެވިފައެވެ.
ނަސީބު ކަންދިމާކުރި ގޮތުން ވަރަށް ކުޑައިރުއްސުރެވެސް ޝިވަންއާއި ފަރަހަގެ އެކުވެރިކަން ބަދަހިވެއްޖެއެވެ. މިއެކުވެރިކަން އުމުރުން ދޮށީވަމުން ދާ ވަރަކަށް ދިޔައީ އިތުރު ވަމުންނެވެ. ދެކުދިންގެ ފުރާވަރަށް އެރިއިރު އެއީ ގާތް ދެރަހުމަތްތެރިންނަށް ވެފައި، އެކުގައި ގިނަވަގުތު ހޭދަކުރާ، އެއްކުއްޖަކާ ނުލައި އަނެއްކުއްޖާއަށް އުޅެން އުނދަގޫ ހިސާބަށް މިހާރު ވަނީ ގޮސްފައިކަމަށް ދެއާއިލާއިންވެސް ގަބޫލުކުރެއެވެ. މިހާރު އެމީހުން މަޑުކޮށްގެން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އެދަނީ އެކުދިންގެ ސުކޫލު ނިމި މަތީ ސާނަވީ އިމްތިހާނު، މާނައަކީ އޯލެވެލްއަށްފަހު، އޭލެވެލް އިމްތިހާނު ނިމެންދެނެވެ. އެހިސާބުން އެދެކުދިންގެ ކައިވެނީގެ ކުލަގަދަ ހަފުލާއެއް ބޭއްވުމަށް ދެއާއިލާގެ ދެމެދުގައި ވަނީ ވަރުގަދައަށް އެއްބަސްވެ، އަތާއަތްޖަހައި ވައުދުވެފައެވެ.
"ކޮބާ...ރެޑީތަ..؟"
ރީތިވާ މޭޒުދޮށުގައި ހުރި ފަރަހަ އެނބުރިލީ ކޮޓަރީގެ ދޮރުހުޅުވަމުން އޭނާއަށް ގޮވަމުން އައި ޝިވަންގެ އަޑުއިވިފައެވެ.
"އޯހް..ވާހް...ސުކޫލު ޔުނީފޯމުގައި ނޫން ގޮތަކަށް ފެނުނީމަ މިއެނގެނީ ފަރާގެ އަސްލު ޗާލުކަން.... އަސްލު ސްކޫލްގެ ގިނަ އަންހެންކުދިން ޖެލަސް މިވަނީ މިހެންވެގެންތާ! އެކަމަކު އަސްލު މަށަަށް ބޮޑަށް ހީވަނީ، ފެއާޕްލަސްގެ ޖަޒުބާތު ތިބާރުގާހޭ ހިޔަންޏަށް މުޑި ނެގެނީ ފަރަހަނާޒަށޭ...."
ފަރަހަ ޝިވަންއަށް ބަލާލާފައި އަނެއްކާވެސް ލޯގަނޑާ ދިމާއަށް ކުރިމަތިލައިގެން އޭނަ ކުރަމުން ދިޔަ މަސައްކަތް، ކަންފަތުލާ އެތި ކަންފަތުގައިތޮރުފާފައި ހުރި ތަނަށް ލެއްވުމުގެ މަސައްކަތް ކުރަން ފެށިއެވެ. އިރުކޮޅަކުން ބޮޑު ޗޮކެއް ކަނޑާލުމާއެކު، ފަރަހަ އޭނާގެ އެ ކަންފަތުލާ އެތި މޭޒުމައްޗަށް ޖެހިއެވެ. އަދި ކުދި ކިޔައިގަތެވެ.
"ބުނަން ޝިވަން، އެހާ މަޖާ ވާހަކައެއް ނޫން އަމުދުން ތިހެން މަރީއްޗޭ ކިޔާ ދިމާކުރުމަކީ.... މުޅި ސުކޫލުގައާއި މުޅި ރަށުގައިވެސް ޝިވަންޝާހުގެ ރީތިވާހަކަ ދައްކާ، ބްރެޑްޕިޓްއޭވެސް ކިޔާ. މަށެއް ޝިވަންއާ ދިމާއަށް ފާޑުފާޑުގެ އޮށްގާ ނުއުކަން، އެލީޓްހެއާ ކްރީމްގެ ޖާދޫ، ސިޔަރާމްސްގެ ފުރިހަމަކަމުންނޭ ޝިވަންޝާހުގެ ޗާލު އިސްތަށިގަނޑާއި ބޮޑީ ފުރިހަމަވަނީ.... އެކަމަކު މަވެސް ނުކިޔަމެއްނު....."
"އެހެން ނުކިޔޭނެތާ... މަށަކީ ހަމަ އަސްލަށްވެސް ރީތި ޓީންއެއް ވިއްޔާ...." ޝިވަން ދެންވެސް ދިމާކުރީ ފަރަހަ ރުޅިއަރުވާލުމަށެވެ.
"ދަރިފުޅާ ފަރާ....ފޯނެއް...." ބޭރު މެދުގޭތެރެއިން މަންމަގެ އަޑު އިވިފައި ފަރަހަ އަވަހަށް އައިރުޅިން ފެންކަޅިވެ ތެމިފައިވާ އެސްފިޔަތައް ފޮހެލަމުން ޝިވަންއާ ދިމާއަށް ލޯއަޅާލިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"އަޅޭ....ރޮވުނީތަ..؟ އެއީ އެހެން ކިޔާ އެއްޗެއް ނޫންކަން ހަމަ ރަނގަޅަށް އެނގޭއިރުވެސް ތުންދަމާފަ ރޯނެ... މީ ކޮންކަހަލަ ކުއްޖެއްތަ...!" ޝިވަން ނުހަނު ލޯތްބާއެކު ފަރަހަގެ ކޮލުގައި ވިކާލިއެވެ.
"ސޮރީ... ދެން އެހެނެއް ނުހަދާނަން... ޔަގީނުންވެސް މިއަދަކު ދެން ޖެއްސުމެއް ނުކުރާނަން... ޕްރޮމިސް،...." ޝިވަން އޭނާގެ ކަންފަތުގައި ހިފައި ކަރުއެލުވާލާފައި ޖެއްސި ވައްތަރުން ފަރަހަގެ ރުޅިގަނޑު އިސާހިތު ފިލާ ހެވިއްޖެއެވެ.
މިއީ ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދައެކެވެ. ފަރަހައަށް ޖެއްސުމެއްކޮށްލައި ރޮއްވާލުން ކަހަލަ ކަމެއް ނުކޮށް ޝިވާންގެ ދުވަސް ފުރިހަމައެއް ނުވާނެއެވެ. ހަމައެގޮތަށް ޝިވަން އޭނާއާ ދިމާކޮށް އުނދަގޫ ނުކުރަންޏާ ފަރަހައަކަށްވެސް އޭނައަށް ޖެއްސުމެއް ނުކޮށް ނުހުރެވެއެވެ. ދެކުދިންގެ ދެމެދުގައި އޮންނަ ގާތް ރަހްމަތްތެރިކަމުގައި ފޫހިވާނެ ވަގުތެއް، ނުރުހޭނެ ކަމެއް ނޯވެއެވެ.
ގަޑިން ހަތްގަޑިބައިވާންވާއިރަށް ތިން އެކުވެރިންނަށް ސުކޫލާ ހަމައަށް ދެވުނީ ކިރިޔާއެވެ. އަވަހަށް ބައިސްކަލްތައް ޕާކުކޮށްލުމަށްފަހު ސުކޫލުގެ ގޭޓުން އެތެރެއަށް ވަންނަން ދުއްވައިގަތީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ގޭޓުން އެތެރެއަށް ވަދެގެން ދުވުން މަޑުޖައްސައި ބާރު ހިނގުމެއްގައި އަވަސް ފިޔަވަޅުތަކެއްގައި ކޮރިޑޯތަކާއި ދިމާއަށް ދިއުމަށް ލޯ ހުރަސްކޮށްލި ވަގުތު ފަރަހަގެ ފައި ފާޑަކަށް ފުރޮޅާލައިފިއެވެ. އެކަމަކު އޫއިއޭ ކިޔައި އޭނާ ޗޫސް ދަމާލިއަޑެއް ކުރީގައި ތިބެގެން ބާރަށް ހިނގާފައި ދިޔަ ޝިވަންއާއި ޒޫނާއަކަށް ނީވުނެވެ. އެހެންކަމުން މަޑުޖެހުމެއްނެތި އެދެމީހުން ގޮސް ކޮރިޑޯތެރެއިންލާފައި ޓަކްޝޮޕު ހުރި ދިމާއަށް ވަދެ ގެއްލިއްޖެއެވެ.
ފައި ފުރޮޅާލައިގެން ނުވެއްޓުނަސް ފުންނާބަށާއި އިނގިލިތަކަށް ވަރަށް ބޮޑަށް ތަދުވެފައި ހުރުމުން ފަރަހައަށް ހިނގައިގަނެވުނީ ޒާތެއްގެ ކޮރެއް ޖަހަމުންނެވެ. ކޮރިޑޯތެރެއިންލާފައި ގޮސް ހޯލު އޮންނަފަޅިން ޓަކްޝޮޕް ހުރި ކޮރިޑޯ ހުރަސްކޮށްފައި ހިނގައިގަތީ، މިޔުޒިކް ނަގައިދޭ ކުލާސް ހުންނަ ފަޅިއަށް ނުކުމެވޭނީ، މިފަޅިން އަނެއް ކޮރިޑޯއަށް ނުކުމެގެން ކަމަށްވާތީ އެވެ. ޓަކްޝޮޕްގެ ފާރުގައި ހިފައިގެން އަނެއް ފަރާތަށް އަނބުރާލަން ކަމަށް ފަރިވެލި ވަގުތު މީހެއްގެ ގައިގައި ލައިގެންފިއެވެ.
ހިތްފުރިގެން ހުރިހާ ހިއްސުތައް ނަށައިގަންނަފަދަ މީރުވަސްދުވާ ސެންޓެއްގެ ވަސް ފަރަހަގެ ނޭފަތުގައި ޖެހި އެތެރެއަށް ނޭފަތް ދަމާލެވުނުވެސްމެއެވެ. އެކަމަކު ހަމަ ކުއްލިއަކަށް އޭނާ ލޯހުޅުވާލާފައި ނުރުހުން ވެފައިވާ ނަޒަރަކުން އެއިސްކޮޅުން ދިގުމީހާއަށް ބަލައިލިއެވެ. އަސްތާއެވެ. މިއީ އަދި ސުކޫލުން ނުފެންނަ މީހެކެވެ. އެމީހެއްގެ މުށިކުލަގަދަ ކަޅި ފަރަހަގެ ހަށިގަނޑު ތޮރުފައިގެންދާފަދަ ނުފެންނަ އައްޔެއް ފޮނުވިކަހަލައެވެ. އެވަގުތު ތަފާތު އެކި ރާގުތަކުގެ އަޑުވެސް އިވިގެންދިޔަކަހަލައެވެ. އެމީހާ ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ. ފަރަހައަށް އަދިވެސް ގަބުއަރާފައި ހުރި މީހާގެ ހަށިގަނޑަކަށް ލޮޅުމެއްވެސް ނައިސް ފާރުގައި ލެގިގަނެވުނީއެވެ. ފައިތިލަޔަށް ވެފައިހުރި ތަދު އިހުސާސްވީވެސް އިރުކޮޅަކުންނެވެ. އޭރު އެއްކަލަ ރީތި ދެލޯ އޭނާގެ ކުރިމަތިން ގޮސްނިމިއްޖެއެވެ.
ދުވަމުން ދުވަމުން ގޮސް ކުލާހަށް ވަން އިރު އެންމެންހެން ތިބީ ފަރަހަގެ އިންތިޒާރުގައެވެ. ކޮންމެގޮތެއްވިޔަސް ސުކޫލު ކެޕްޓަން އަދި މިޔުޒިކް ކުލާހުގެ ސީނިއާ އަކީ ވެސް ފަރަހަކަމުން އޭނާ އައުމުން ނޫނީ ރަޖިސްޓާ ބަލައި މާކެއް ނުކުރެވޭނެވިއްޔާއެވެ.
ޒާތެއްގެ ކޮރެއް ޖަހަމުން ނޭވާ އުފުރެމުން ދެލޯ ބޮޑުކޮށްގެން ތިއައީ.... އޭހޭ .. އަނެއްކާ މިވީ މިނިޓްކޮޅުތެރޭ ތިއައީ ކޮންސަކަރާތެއް ޖަހާފަ؟"
ހަމަޖެހިގެން ގޮނޑީގައި ލެގިގެން ކަހަލަ ގޮތަކަށް އިން ޝިވަން ފަރަހައާ ދިމާކޮށްލިއެވެ. އައި ރުޅީގައި އަތުގައި އޮތް ރެޖިސްޓާ މާކުކުރާ ގަލަން ޝިވަންއާ ދިމާއަށް ހޫރާލުމަށްފަހު ކުރީ ބަރީގަ އިން ޒޫނާއާ ޖެހިގެން ފަރަހަ އިށީނެވެ.
"ރުޅިއަޔަސް ރެޖިސްޓާ މާކްކޮށްބަލަ..... އަނެއްކާ މާދަމާ ނާންނަ ކަމަށް އާ ޓީޗަރުގެ ކުލާސް ކަޓުވާލިކަމަށް އޮފީހަށް ގެންދާނެ..." އެހެންކުއްޖަކު ފަރަހައަށް ގޮވާލިއެވެ.
"އަން... މިއޮތީ ކަނބޯގެ ގަލަން.... ސޮރީ ސޮރީ..." ޝިވަންއަށް ހަމަ ހަގީގަތުގައިވެސް ފަރަހަ ރުޅިއަތުވެއްޖެކަން އެނގުނީމަ އަވަހަށް ކުރިއަށް ޖެހި، ގަލަން ދިއްކޮށްލަމުން މައާފަށް އެދުނެވެ. ގަލަން އަތުލައިގެން އަނގައިންވެސް ނުބުނެ، ހިނިތުންވެލުމެއްވެސް ނެތި، ދެލޯއަޅައިގެންފައި ރެޖިސްޓާ މާކްކުރަން ފެށިއެވެ.
"މިޔުޒިކުކުލާސް ހާދަ ފުރިފަ އޮތް ރެއެކޭ. އަނެއްކާ ކޮން ކަމެއް ލައިގަތީތަ؟ މިއީ ދުވަހަކުވެސް ރެޖިސްޓާގައި ބައިވެރިވާ އެންމެން ހަމަވާ ކުލާހެއް ނޫން." ފަރަހަ ހާޒިރީއަށް ބަލައިލަމުން ހައިރާންވެފައި އަހާލިއެވެ.
"އެހެންވާނެއެއްނު... އަލަށް އައި މިޔުޒިކް ޓީޗަރަކީ ވަރަށް ހޭންޑްސަމް އެހާ ޔަންގް ޓީޗަރެއްކަމަށްވަނީ.... އެންމެން އެތުއި ވަނީ ޓީޗަރު އަންނަންވާއިރަށް ދެއްކެން..." ޒޫނާ އަނގައަށް ވައްތަރެއް ޖައްސާލަމުން ކުލާހުގެ އަނެއްބަރީގެ ދެވަނަ ގޮނޑިބަރީގައި ތިބި ހަތަރު އަންހެންކުދިންނަށް ލޮލުން އިޝާރާކޮށްލިއެވެ.
އެދިމާއަށް ބަލައިލުމަށް ފަހު ފަރަހައަށްވެސް ދެއަތަކަށް ބޯހޫރުވައިލެވުނެވެ. އެއީ ސުކޫލުގައި ނަގާ ކިޔާ ސަކަރާތާއި ފެޝަނުގެ ކުދިންކޮޅެވެ. ގްރޭޑް އަށަކާއި ނުވައެއްގެ ހަތަރު ކުއްޖެކެވެ. އަބަދުވެސް ކޮންމެވެސް މައްސަލައެއްގައި ފަރަހައަށް އެކުދިންނަށް ނަސޭހަތްދޭން ޖެހޭ ކުދިންނެވެ. މީގެ ކުރިން ހަތަރު ފަހަރު މިޔުޒިކް ކުލާސް ހުޅުވި، ޓީޗަރުން ދިއުމުން ކުލާސް މަޑުޖެހި އަނެއްކާވެސް ހުޅުވައި، ބަންދުކޮށް މިހުރިހާ ފަހަރުވެސް އެކުދިންނަކީ މިކުލާހަށް ނަންނޯޓު ކުރުވިޔަސް ފުރަތަމަ ރޭ އަންނަ ކުދިންނެއް ނޫނެވެ. އަދި އަންނަ ރެޔަކުވެސް އަންނާނީ ކުލާސް ފެށޭ ފަހުންނެވެ.
"ދިޔާނާ، ޝެޒުނީ....ހާދަ އަވަހަށް ކުލާހަށް އައިސް ތިބި ރެއެކޭދޯ....ހާދަ ރަނގަޅޭ.... ހުރިހާ ކުލާހަކަށްވެސް ތިގޮތަށް ހާޒިރުވައްޗޭ..."
ހާޒިރީގައި މާކުކުރަމުން ފަރަހަ އެދިމާއަށް އެނބުރި ގޮވާލިއެވެ.
އައްދޭ... އަމުދަކުން ހުރިހާ ކުލާހަށްދާން އަހަރެމެން މީ ތިގޮތަށް ސުކޫލުގެ ބޮޑުންގެ ވައިހޯދަން ޕްރޯ ވާން ޕްރިފެކްޓަރުންނެއް ނޫނޭ...." ހަަތަރުކުދިންގެ ތެރެއިން އިސްކޮޅުން ދިގުކޮށް އިނީ ތަންކޮޅެއް ދޮން، އަބަދުވެސް އޭނާގެ ގައިގެ ދޮންކުލައާމެދު ފަހުރުވެރިވާ ކުއްޖެކެވެ. އޮޅިގެންވެސް މޫދަށް ދާން ވެއްޖެއްޔާ އޭނާގެ ދޮންހަންގަނޑު އަނދާފާނެކަމަށް ބިރުގަންނަ ކުއްޖެކެވެ.
"ޝެޒޫ އެބުނީ ތެދެއް... އަހަރެމެން މިރޭގެ ކުލާހަށް މިވަރަކުން އައީ އެއަންނަ އާ މިޔުޒިކް ޓީޗަރު ބަލަން ވެގެން..... ހާދަ ހޭންޑްސަމް ސްމާޓް ޓީޗަރެކޭ އެއީ..."
ދެވަނައަށް އިން އަންހެންކުއްޖާ ވާހަކަދެއްކިއެވެ.
"އަޅެފަހެ ދިޔާނާމެން ސުކޫލަށް އަންނަނީ އެއްޗެއް އުނގެނި ދަސްކުރާކަށް ނޫންދޯ... އެހެންނޫނަސް އެއީ އެދުރެކޭ، ޓީޗަރެކޭ..." ފަރަހަ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.
"ތިޔަހުރި ވަރެއްވެސް އެނގޭނީ ޓީޗަރު ފެނުނީމަ.... ފަރާއަށް ދެން މާބޮޑު ގޮތެއް ނުވާނެކަން އެނގޭ... ތެދަށް ބުނަން.... ޝިވަންހާ ރީތިނޫނަސް ވަރަށް އެޓްރެކްޓިވް..." ދިޔާނާ މަޖާވެފައި ބުނެލިއެވެ.
"ކޮބާ... މަށަކަށްވުރެ ރީއްޗެއް ނުވިއެއްނު..." ޝިވަން ހީގެންފައި ފޮނިވެލިއެވެ.
"ޖެހުނީ ކަންތަކާ.... އާނ... ތީ މިސްޓަރ ހޭންޑްސަމް...." އިތުރަށް އެވާހަކައިގައި ކުރިއަށް ދާން ބޭނުން ނުވާތީ ފަރަހަ އަވަހަށް ހާޒިރީއާއި ފޮތްތަކާ ދިމާއަށް އެނބުރި ގަލަމުން ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. ކުއްލިއަކަށް ކުލާހުގެ އަޑު މަޑުވެ ހިމޭންވެގެންދިޔައެވެ. ހީވަނީ ބިމަށް ތިނޯހެއް ވައްޓާލާ އަޑުވެސް ގުގުމައިގެންދާނެހެންނެވެ. އެއާއެކު އެއްކަލަ ހިތްގައިމު މީރުވަސް، މީގެކުޑައިރުކޮޅެއް ކުރިން ފަރަހައަށް ސުކޫލުގެ ބޭރު ކޮރިޑޯތެރެއިން ދިމާވި މީހާގެ ގައިން ދުވި މީރުވަސް، ފަރަހަގެ ނޭފަތުގައި ޖެހިއްޖެއެވެ. އިސްއުފުލާލަން ކަމަށް ހީކޮށް ފަރިވެލި ވަގުތު ކަންފަތުގައި ބަރު، ވަރުގަދަ ފިރިހެންވަންތަ އަޑެއް ޖެހިއްޖެއެވެ. ފަރަހައަށް ހިންދިރުވާލެވުނެވެ.
"އައްސަލާމްއަލައިކުމް...."
ކުލާހުން ސަލާމްބަލައިގަތުމާއެކު އެމީހަކު ވާހަކަ ދައްކަން ފެށިއެވެ. ފަރަހަ ހީކުރި ގޮތާ ހިލާފަށް އެމީހަކު ވާހަކަ ދައްކަން ފެށީ ސާފު ދިވެހިބަހުންނެވެ. ހާދަ ތަފާތު ޓީޗަރެކެވެ.
"މީ ތިކުދިންގެ އާ މިޔުޒިކު ޓީޗަރ.... ނިޔާޒު ހަސަން.... އުފަން ރަށަކީ ފާފުއަތޮލު ފީއަލި.... އަސްލު މާލޭގަ އޭލެވެލް އަށް އެކައުންޓް ކިޔަވައިދެނީ.... އެކަމަކު މިސްކޫލުގެ އެސިސްޓަންޓް ޕްރިންސިޕަލްއާ އެއް ކުލާހެއްގައި ކިޔެވީމަ ވަރަށް ރައްޓެހިވާނެ... ތިކުދިންގެ މިޔުޒިކް ކުލާސް ހަމަ އެއްގޮތަކަށްވެސް ކުރިއަށް ނުގެންދެވޭތީ ސަރ އަށް މިފުރުސަތު ދެއްވީ މިސުކޫލުން... ޔަގީނުންވެސް މިއަހަރު ނިމެންދެން ހުރިހާ ކުލާހެއް، ތިއަރީ ޕްރެކްޓިކަލްވެސް ކުރިއަށް ގެންގޮސް 3 ލެވެލްވެސް ހަމަސްތެރޭ ނިންމާލެވިދާނެ...... އެކަމަކު ތިކުދިން ސަރއަށް އެހީވެގެން ސަރއަށް އެއްބާރުލުން ދިނީމަ މިކަން ވާނީ.... ކޮބާ... ދެން ތިކުދިންގެ ތައާރަފެއް.... ކުލާސް ކުރިއަށް ގެންދާނެ ގޮތަކާމެދު ހިޔާލެއްވެސް ދޭންވާނެ.... ފަށަމާ ދޯ...."
ފަރަހައަށް އެހުރިހާ ވާހަކައެއްވެސް އިވުނީ ރީތި ރާގެއްގެ އަޑަކާއެކުހެން އޭނާއަށް ހީވީ ކީއްވެގެންކަމެއް ނޭނގެއެވެ. މަޑުމަޑުން އިސްއުފުލައިލީ ނިޔާޒުގެ އަޑު މެދުކެނޑުމުންނެވެ. ދިމާކުރިމަތީގައި ހުރި ވައިޓްބޯޑުގައި ޖެހިނުޖެހޭ ހިސާބުގައި ހުއްޓިގެން އެހުރީ ޔަގީނުންވެސް ފަރަހައަށް ކޮރިޑޯތެރެއިން ފެނުނު މީހާއެވެ. އެމީހާގެ ދެލޯ ފަރަހައަށް ކޮންމެވެސް ކަހަލަ އުނދަގުލެއް އެބަކުރެއެވެ. އެހެންޏާ ނުވާކަހަލަ ގޮތެއް އެބަވެއެވެ. އެލޮލާ ހަތަރުކަޅި ހަމަކުރުން ފަރަހައަކަށް ފަސޭހައެއް ނޫނެވެ.
އެރެއަކީ ފަރަހަގެ ހަޔާތުގައި އަދި އޭނާގެ ސުކޫލު ހަޔާތުގައިވެސް މުޅިން އާވާހަކައެއް ލިޔެވުނު ސޮފްހާއެއް އުކާލެވުނު ރެއެކެވެ. އެކަން ފާހަގަކުރެވުނު އެކަކުވެސް އެރޭގެ އެކުލާހަކު ނެތެވެ. އެހެންނަމަވެސް ނިޔާޒުގެ ތޫނުކަޅީގެ ސިހުރުން ފަރަހައަށް އާގޮތެއްގެ ތަޖުރިބާ ކުރެވިއްޖެކަން ނިޔާޒަށް ސިއްރެއް ނުކުރެވުނެވެ. ފުރަތަމަ ނަޒަރުން، ފަރަހައަށް ނިޔާޒު ހާއްސަ ކުރެވިއްޖެއެވެ. ކޮންގޮތަކަށް ކިހިނެއް ކަން ނޭނގުނުނަމަވެސް ނިޔާޒު ހާއްސަވެއްޖެކަން ފަރަހައަށް އިހުސާސްކުރެވުނެވެ.
*************
ނިޔާޒަކީ ފަރަަހަގެ މިޔުޒިކް ޓީޗަރަށް ވުމުގެ އިތުރުން ފަރަހަގެ އިކޮނޮމިކްސް ޓީޗަރަށްވެސް ވެއްޖެއެވެ. ދުވަސްތައް ގުނެމުން ދިޔައީ ދުވާލުގެ އަލީގައި ފެންނަ ލޯތަކަށް ދަރިވަރަކާއި ޓީޗަރެއްގެ މަންޒަރުތަކެއް ނަމަވެސް ރޭގަނޑުގެ ހިމޭން ކަމުގެ ތެރޭގައި ދުނިޔޭގެ ލޯތަކަށް ސިއްރުން، މީހުން ނިދައި، ފައިހިލަވަޅު އޮބުނީމާ، އެއީ ޓީޗަރަކާއި ދަރިވަރެއް ނޫނެވެ. އެއީ އެކަކު އަނެކަކަށްޓަކައި ހިތާފުރާނައިން ވައުދުވެ އަހުދު ކަށަވަރު ހިފަމުންދާ ޅަޒުވާން ދެލޯބިވެރިންނެވެ.
ފަރަހައާއި ނިޔާޒުގެ ގުޅުން އެންމެ ދެތިން މަސްތެރޭގައި އެހާ ގާތްވެދާނެކަމަކަށް ހުދު އެދެމީހުންވެސް ހީއެއް ނުކުރެއެވެ. އެހެންނަމަވެސް ދެމީހުންގެ އެއްގޮތް ހިޔާލުތަކާއި ރުހެވޭ ބަސްމަގާއި ދިރިއުޅުމާއި ދެމެދު ދެކޭ ގޮތް އެކައްޗަކަށް ވުމުން ފަރަހައަށް އެހިސާބުން ނިޔާޒާމެދު ސުކޫލުގައި ޓީޗަރެއްގެ ގޮތުގައި ދެކެން ބޭނުންވިޔަސް އެހެން އެކަން ކުރުމަކަށް ފަސޭހައެއް ނުވިއެވެ، ނިޔާޒަށްވެސް ވީ އެވަރެވެ.
ފާއިތުވަމުންދިޔަ ވަގުތާއެކު ގާތްވަމުންދިޔަ ފަރަހައާއި ނިޔާޒުގެ ގުޅުން އެންމެނަށް ސިއްރުވެފައި އޮތަސް ފަރަހަގެ ސުކޫލު ފޮތްތަކާއި އެކިކަންތަކުގައި އެކި ދުވަސްތަކުގައި ނަގާ ޓެސްޓުތަކަށް ސިއްރެއް ނުކުރެވުނެވެ. ތަޖުރިބާ ހުރި ޓީޗަރުންނާއި ފަރަހައާމެދު އުންމީދުތަކެއް ކޮށްގެން ތިބި ސުޕަވައިޒަރުންނަކަށް ނުފޮރުވުނެވެ. ފަރަހައަށް އަންނަ ބަދަލުތައް އޭނާގެ ސުކޫލު ފޮތްތަކާއި އިމްތިހާނުގެ ނަތީޖާ ކަރުދާސްތައް ކިޔައިދޭން ފެށިއެވެ. ފަރަހައަށް ވިސްނައި ނުލެވުނީ އޭނާއަށް ނޭނގި ހިނގާފައި ކުރިއަށް އެދެވެނީ އޭނާއަށް ޓަކައި އެތަކެއް ފޮނި ހުވަފެންތަކެއް ދެކޭ އެތައް ބަޔަކާ ދުރަށް ކަމާއި އެކަމުން އެމީހުންނަށް ދެވޭ ހިތާމަ ކިހާ ބޮޑުވާނޭކަމެވެ.
(ނުނިމޭ)