ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖު ކުރުމަށް ޗާޖިން ސްޓޭޝަންތައް އަޅަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހަތަރު ޗާޖިން ސްޓޭޝަން ހަދާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.
މި ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މަސައްކަތް ކުރިއަށްގެންދާ ފަރާތުން އެ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރަން ޖެހެއެވެ.
މި ސްޓޭޝަންތައް މެދުވެރިކޮށް ބާޒާރުގައި ހުރި ގިނަ އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވެން ޖެހޭނެ ކަމަށާއި ފޯރުކޮށްދޭ ވައިޓް ލޭބަލް ޔޫޒާ އެޕްލިކޭޝަނަކީ ރާއްޖޭގެ ޕޭމަންޓް ގޭޓްވޭ ބޭނުންކުރެވޭ އެޕްލިކޭޝަނަކަށްވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އެޗްޑީސީން ވަނީ އެދިފައެވެ.
މި ޕްރޮޖެކްޓުގެ ދެބައިކުޅަ އެއްބައި އެޗްޑީސީން ފަންޑުކުރާ އިރު، އަނެއްބައި ފަންޑުކުރަން ޖެހެނީ ސަޕްލަޔަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު