އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުން ލިޒް ޓްރަސް އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ލިޒް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ޓްރަސްއަކީ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރެކެވެ.
ދާދި ދެންމެއަކު ޑައުނިން ސްޓްރީޓުގެ ބޭރުގައި ހުންނަވައި ޓްރަސް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެޑައިގަތީ އިނގިރޭސިވިލާތުގެ އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. ގައުމަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތުގެ ސަބަބުން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ބިލްތައް ދެއްކުމަށް ދަތިވެފައިވާ ކަމަށް ޓްރަސް ވިދާޅުވިއެވެ.
މަގާމާ ހަވާލުވެޑައިގަތީ އިނގިރޭސިވިލާތައް ދިމާވެފައިވާ ގޭހުގެ މައްސަލަ ހައްލުކުރަން ކަމަށާއި ނަމަވެސް އެ ޒިންމާ އަދާކުރެވިފައިނުވާ ކަމަށް ޓްރަސް ވިދާޅުވިއެވެ.
"ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އަޅުގަނޑު ބޮޑުވަޒީރުކަމައް އައްޔަންކުރެއްވި ޒިންމާ އަދާކުރެވިފައި ނެތް. އެހެންވެ އަޅުގަނޑު ވަނީ ރަސްގެފާނު ޗާލަސް ދެވަނައާ ބައްދަލުކޮށް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުންކަމުން އިސްތިއުފާ ދެއްވައިފަ،" ޓްރަސް ވިދާޅުވިއެވެ.
މިއަދު ހެނދުނު 1922 ކޮމިޓީގެ ޗެއާމަން ސާ ގްރަހަމް ބްރެޑީއާ ބައްދަލުކުރައްވާފައިވާ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި އާ ލީޑާޝީޕެއް އިންތިހާބު ކުރެވިގެންދާނެ ކަމަށެވެ. އަދި އެވަގުތާ ޖެހެންދެން ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާނެ ކަމަށް ޓްރަސް ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވުމުގެ ކުރިން ޓްރަސް ހުންނެވީ ހާރިޖީ ވަޒީރުގެ މަގާމުގައެވެ. އިނގިރޭސިވިލާތުގެ ހާރިޖީވަޒީރު ކަމަށް ލިޒް ޓްރަސް އައްޔަން ކުރެއްވުމަށް ބޮރިސް ޖޮންސަން ނިންމެވީ އިނާމެއް ދެއްވުމުގެ ގޮތުންނެވެ.
ޓްރަސްއަކީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް ދެވަނަ އަންހެން ހާރިޖީ ވަޒީރެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް ތިންވަނަ އަންހެން ބޮޑުވަޒީރެވެ. އަނެއް ދެބޭފުޅުންނަކީ މާގްރެޓް ތެޗާ އާއި ތެރީސާ މޭ އެވެ. ލިޒް ޓްރަސް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޕާޓީގެ ޒައާމަތަށް ގެނެވުނު ބަދަލަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު