މޮޓޯރޯލާ ކުންފުނީގެ އެންމެ ފަހުގެ މޯބައިލް ފޯނަކީ ތަފާތު ފޯނެކެވެ. ރޯލްއައުޓް ސްމާޓްފޯނެކެވެ. 4 އިންޗީގެ ފޯނެއް 6.5 އިންޗިއަށް ބޮޑު ކޮށްލެވޭ ގޮތަށް ހަދާފައިވާ މި ފޯނު މަސައްކަތް ކުރާގޮތް މިހާރު މިވަނީ ދައްކާލަފައެވެ. ފޯނު ފެންނައިރު، ޖީބަށް ފަސޭހައިން ލެވޭ ވަރަށް 4 އިންޗި ހުރި ނަމަވެސް ބަޓަނަކަށް ފިތާލުމުން ޑިސްޕްލޭ ޕެނަލް އާންމު ސައިޒުގެ 6.5 އިންޗިއަށް ފުޅާވެގެންދެއެވެ.
އަނެއްކާވެސް ބަޓަނަކަށް ފިތާލުމުން ފޯނު އަނބުރާ އަސްލު ސައިޒަށް، 4 އިންޗިއަށް ކުޑަވެއެވެ. މި ފޯނު 4 އިންޗީގައިވެސް އަދި 6.5 އިންޗީގައިވެސް ބޭނުންކުރެވޭނެ ކަމަށާއި، ފޯނު ބޮޑު ކޮށްލުމުން ސްކްރީނުގައި ހުންނަ ކޮންޓެންޓް ސްކްރީނާއި ވީޑިއޯތަކާއި އަދިވެސް އެނޫން އެޕްލިކޭޝަންތަކުގެ ސައިޒަށް އަމިއްލައަށް ބަދަލު ވާނެކަމަށް ވެއެވެ.
މޮޓޯރޯލާއިން ކުރީންވެސް ލައްޕާލެވޭ ފޯނެއް ކަމަށްވާ ރޭޒަރ އުފައްދާފައިވާއިރު، މިފޯނު ގިނައިން ވިއްކާފައިވަނީ ހަމައެކަނި ޗައިނާގެ ބާޒާރުގައެވެ. އެހެން ގައުމުތަކުން މިފޯނު އާންމުކޮށް ގަންނަން ނުލިބުނު ނަމަވެސް މިހާރު ނެރެން ތައްޔާރުވާ ރޯލް ކުރެވޭ (ދަމާލެވޭ) ފޯނަކީ ދުނިޔޭގެ ބާޒާރުގައި އާންމުކޮން ލިބޭނެ ފޯނެއްކަމަށް މޮޓޯރޯލާއިން ވަނީ އިއުލާނު ކޮށްފައެވެ.
މާގިނަ ދުވަހެއް ނުވެ ވިއްކަން ނެރޭނެ މިފޯނަކީ ވާދަވެރި އެހެން ފޯނުތަކަށްވުރެ މަގުބޫލު ފޯނަކަށް ހެދުމަށް މޮޓޯރޯލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަމާލެވޭ ޑިސްޕުލޭގެ އިތުރުން ކެމެރާގެ ފެންވަރުވެސް އަދި ބެޓެރިއާއި ޕުރޮސެސަރުގެ ފެންވަރު މަތިކޮށް ހަލުއިފޯނަކަށް ހަދާނެ ކަމަށްވަނީ އިއުލާން ކޮށްފައެވެ.
ވިއްކާނެ އަގެއް އަދި އިއުލާނުކޮށްފައި ނުވާ މިފޯނަކީ ލައްޕާ އެހެން ފޯނުތަކާ ހިލާފަށް މާމަތީ އަގެއްގައި ވިއްކަން ހަމަޖެހިފައިވާ ފޯނެއް ނޫންކަމަށްވެސް މޮޓޯރޯލާއިން ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ