ވ. ފުލިދޫގެ ވާއު ކަޕް ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
ފުލިދޫ ވާއު ކަޕަކީ ރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކޮށް، ރަށުގައި އޮންނަ ވޮލީގެ ޝައުގުވެރިކަމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެރަށު ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ބާއްވާ ވޮލީބޯޅަ މުބާރާތެކެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރުވެސް ފުލިދޫ ވާއު ކަޕް އަންހެން އަދި ފިރިހެން ޑިވިޝަންގެ ވޮލީބޯޅަ މުބާރާތް އޮންނާނެއެވެ.
މިއަހަރުގެ ވާއު ކަޕްގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަން އޮންލައިންގައި ބޭއްވި ހަފުލާގައި "ވަން"ގެ ފަރާތުން ސޮއިކުރީ ވަން މީޑިއާ ގްރޫޕްގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ އޯގަނައިޒިން ހެޑް، އާދަމް ރަމީޒެވެ.
މިއަހަރުގެ ފުލިދޫ ވާއު ކަޕުގައިވެސް އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށްދާނެއެވެ. މުބާރާތުގައި ފިރިހެން ހަތަރު ޓީމު އަދި އަންހެން ތިން ޓީމު ވާދަކުރާއިރު، ފުލިދޫން 63 ކުޅުންތެރިޔަކު ފެނިގެންދާނެއެވެ. މުބާރާތުގެ ގުރުއަތުލުން މިމަހުގެ 28 ވަނަ ދުވަހުގެ ރެއަށް ތާވަލުކޮށްފައިވާ އިރު، މުބާރާތް ފަށާނީ އަންނަ މަހު އެއްވަނަ ދުވަހުއެވެ.
ވ. އަތޮޅަކީ ރާއްޖޭގެ ވޮލީބޯޅައަށް ތަރިންތަކެއް ނެރެދީފައިވާ އަތޮޅެކެވެ. ވޮލީގެ ރޫހު ވ. އަތޮޅުން އަބަދުވެސް ފާހަގަވެގެންދާ އިރު، މުބާރާތްތަކުގެ ތެރެއިން ޒުވާން ކުޅުންތެރިން އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. ފުލިދޫ ވާއު ކަޕްގެ ހުރިހާ މައުލޫމާތެއް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބެމުންދާނެ ކަމަށްވެސް މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން މައުލޫމާތު ދެއެވެ.